ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި ވަނީ އެ ދޯނީގައި ތިބި ހަތަރު ފަޅުވެރިއަކު އެކި ވަރަށް ފިހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހީންނެވެ.

އެ މީހުންނަށް މިހާރުދަނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:34 ހާއިރު އެވެ. އަލިފާނުގެ މި ހާދިސާގެ ރިޕޯރޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ އެ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވާލައިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރުމުން ހުޅުފަޅައިގެން ގޮސްގެންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހާދިސާ ހިނގާފައިވަނީ އެރަށު ފަޅުގައި "ރާސްތާ" ދޯނީގައެވެ.