އީ.ޕީ.އެސް މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ހަދިޔާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެ އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މި މަޖައްލާ ރައީސް އަށް ހަދިޔާ ކުރައްވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، އީ.ޕީ.އެސް.އެސް މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަހަރަކު ހަތަރު ފަހަރު ނެރުމަށް ހަމަޖެހިފައިވާ "އީ.ޕީ.އެސް ހަނދާން" މަޖައްލާ އިފްތިތާހް ކޮށްދެއްވާފައިވަނި ނޮވެމްބަރ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ.