މިހާރުވެސް ތިންހާސް މެމްބަރުން ހަމަވެފައިވާ ކަމަށާއި އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ގިނަ ފޯމްތައް އަދިވެސް ޕްރޮސެސް ނުކުރާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެ ޕާޓީން ބުނެފައިވަނީ އީސީއަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކޮށް މިހާރުވެސް ނިންމައިފި ކަމަށްވާނަމަ މެންބަރުންގެ ލިސްޓުން އެ އަދަދު ފެންނާނޭ ކަމަށެވެ.

އެމްއާރުއެމްއިން މިއަދު ބުނެފައިވަނީ އެ ޕާޓީއަށް މީހުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވީ ދުވަސްތަކުގައި ޖުމްލަ 1407 ފޯމު އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު 103 ފޯމު ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން މިއަދު ވެސް 123 ފޯމު ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ. އެމްއާރްއެމްއިން އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1297 ފޯމު އަދިވެސް ޕްރޮސެސް ނުކުރެވިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

މިއަހަރުގެ މާރޗް 27 ވަނަ ދުވަހާ ހަމައަށް ޖުމްލަ 700 އަށްވުރެ ގިނަ ފޯމު އެޕާޓީން ވާނީ އީސީއަށް ހުށަހަޅާފައި ކަމަށް ވެސް ބުނެފައިވެއެވެ. އެ އަދަދާއެކު އީސީން ކަނޑައަޅާފައިވާ އަދަދަށް އެމްއާރުއެމްއަށް މެންބަރުން ހަމަވެފައިވާނެ ކަމަށް ބުނެފައިވެއެވެ.

އީސީއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ވަރަށްދުވަސްވީ ފޯމްތައް ވެސް ހިމެނޭ ކަމަށާއި އެހެންކަމުން ފޯމުތައް ޕްރޮސެސް ކުރުމުގައި އަވަސް ކޮށްދެއްވުމަށް އެދި އީސީއަށް ހުށަހަޅާފައިވާނޭ ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

އެމްއާރުއެމްއިން ވަނީ މިހިނގާ ޖޫންމަހު 7 ވަނަ ދުވަހުގެ ކުރީން ފޯމްތައް ޕްރޮސެސް ކޮށްދެއްވައި، އެކަން ވީ އެންމެ އަވަހަކަށް އިއުލާނު ކޮށްދެއްވުމަށް އެދި އީސީއަށް ގޮވާލައިފައެވެ.