މިއީ ކެއްކުންތެރިއެއްގެ ގޮތުގައި ރާއްޖެއަށް މަޝްހޫރުވެފައިވާ ޖުވޭރިއްޔާ ވަޖުދީގެ ކެރިއަރާ ބޭހޭ ބައެއް ވާހަކަތަކެވެ. އޭނާ ކެއްކުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވިޔަސް އެއީ ހަމައެކަނި ކެއްކުންތެރިއެއް ނޫނެވެ. އޭނާ ނުކުރައްވާ ކަމެއްނެތޭ ދަންނަވާހާވެސް މަސައްކަތްތައް ގިނައެވެ. ކެއްކެވުން، ރެސިޕީ ލިޔުންވުން، ކައްކަން ދަސްކޮށްދެއްވުން، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުއްވުން، ކުޑަކުދިންނާ ގުޅޭ ފޮތްތައް ލިޔުއްވުން ހިމެނެއެވެ. މީގެ އިތުރުން އަތްތެރި މަސައްކަތަކީ ވެސް އޭނާ އިތުރަށް ކުރައްވާ މަސައްކަތެކެވެ.
ކެއްކުމުގެ ދާއިރާގައި ޖުވޭވަނީ އެތައް އަހަރެއް ހޭދަކުރައްވާފައިވެއެވެ. އެދާއިރާއިން އޭނާ ވަނީ އެތައް ކާމިޔާބީއެއް ހޯއްދަވާފައެވެ. ފިރިހެނުންނާ ވާދަކޮށްގެން ވެސް ޖުވޭ ވަނީ އޭނާގެ ދާއިރާއިން ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ވަނަތަކެއް ހާސިލް ކުރަށްވާފައެވެ.
އެއް މަސައްކަތެއްގައި ޖުވޭއަށް ދެމިހުރެއްވުމުގެ ހިތްވަރަކީ ކޮބައިހެއްޔެވެ؟ މިއީ އޭނާގެ ރެސިޕީތަކަށާއި އޭނާގެ ކެއްކެވުމުގެ ހުނަރަށް ތާއިދުކުރާ މީހުންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑު ކާމިޔާބީއަކީ މީހުންގެ ތާއީދާއި އިތުބާރާއި ލޯބި. އަދި ޖުވޭ އަށް މީސް މީހުންނަށް ބަރޯސާނުވެ އުޅެން އެނގުން،" ޖުވޭ ވިދާޅުވިއެވެ.
މިދާއިރާގައި އެތަކެއް އަހަރެއް ހޭދަކުރަށްވައި އެތައް ކާމިޔާބީއެއް ލިބިވަޑައިގެންފައިވާއިރު އަދިވެސް މިދާއިރާގައި ފައިތިލަ ސާބިތުކުރައްވައިގެން އެ އިންނެވީ ކީއްވެ ހެއްޔެވެ. ރެސިޕީލިޔުއްވުމާއި ކެއްކުމާބެހޭ އެހެނިހެން ފޮތްތައް ލިޔުއްވުން ހުއްޓާނުލައްވައި ކުރިއަށް ގެންދަވަނީ ކީއްވެހެއްޔެވެ؟ އޭނާ ވިދާޅުވީ އެމަސައްކަތުގައި މިހާރު ދެމިއިންނެވީ ވެސް ސަޕޯޓަރުންގެ އެދުމުގެ މަތީން ކަމަށެވެ. ކެއްކުމާއި ކައްކަން ދަސްކޮށްދިނުމާއި މެދުނުކެނޑި ރެސިޕީތައް ލިޔުއްވަމުން ގެންދަވަނީ ވެސް މީހުންގެ އެދުމުގެ މަތީންނެވެ. "ހަގީގަތުގައި މީހުން އަޅުގަނޑުގެ މަސައްކަތް ބަލައިގަތީ، ކެއްކުމާއި ކައްކަން ދަސްކޮށްދީ ރެސިޕީތައް މެދު ނުކެނޑި ލިޔަމުން ދާތީ. މިހާރުވެސް އެމަސައްކަތް މިކުރަނީ ވަރަށް ގިނަބަޔަކު އެކަމަށް އެދެމުން ދާތީ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް އޭނާގެ ރެސިޕީތައް އެތައް ބަޔަކު ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެ ބޭނުންކޮށްގެން އާމްދަނީ ވެސް ހޯދަމުންދާ ކަމަށެވެ. އެއީވެސް އޭނާއަށް ލިބިވަޑައިގަންނަވާ އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. އޭނާގެ މަސައްކަތުން އެހެން ބަޔަކަށް ނަފާ ލިބޭތީއެވެ.
ޖުވޭތައްޔާރުކުރާ ރެސިޕީތަކުގެ ތެރެއިން މީހުންނަށް ވަރަށްގިނަ ރެސިޕީތައް ކަމުދެއެވެ. އެހެން ކަމުން މީހުންނަށް އެންމެ ކަމުދަނީ ކޮންބާވަތެއްގެ ރެސިޕީއެއް ކަމަށް ފާހަގަވެފައި ނުވާކަމަށް ޖޫވޭއަށް ފާހަގަކުރެއްވިފައެއް ނުވެއެވެ. އެހެންނަމަވެސް ވަރަށްގިނަ ބާވަތްތައް ކަމުގޮސްގެން މީހުން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ. "ޖުވޭ ތައްޔާރުކުރާ ވަރަށްގިނަ ބާވަތްތައް ވަރަށްގިނަ މީހުންނަށް ކަމުދޭ. ޖުވޭގެ އަމިއްލަ އުފެއްދުންތަކާއި އަދި ރާއްޖެއަށް މަޝްހޫރު 470 ވަރަކަށް ބާވަތްތައް ވަކިކޮށް ޖުވޭ ހިންގާ ކޯސްތަކަށް ވެސް ލާފަހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޖުވޭ މިހާތަނަށް ވަނީ އަމިއްލައަށް 3082 ރެސިޕީ އުފައްދައިފައެވެ. ދިވެހިތެސީޕީ ތަކާއި އިންޓަނޭޝަނަލް ރެސިޕީތަކާ އެއްކޮށް 6300 އަށްވުރެ ރެސިޕީތައް ޖުވޭ ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ.
އާމްދަނީ ހޯދުމަށް ޖުވޭ ހަމައެކަނި ކައްކަވަނީއެއްނޫނެވެ. ރެސިޕީ ލިޔުއްވަނީއެއްވެސް ނޫނެވެ. ފޮތްތައް ލިޔުއްވަނީއެއްވެސް ނޫނެވެ. މިހާރުވެސް އޭނާ ގެންދަވަނީ އަތްތެރި މަސައްކަތުގެ އެތައްކަމެއްކުރައްވަމުންނެވެ. އޭގެ އިތުރުން އާމްދަނީ ހޯއްދެވުމަށް ކުދިކުދި ވިޔަފާރިތައް ވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
ޖުވޭބޭނުންފުޅުވެފައި ނުވެވަނީ ކޮންކަމެއް؟
ޖުވޭފަދަ މަޝްހޫރު ބޭފުޅެއްގެ އުންމީދުތަކެއް ވެސް ހުންނާނެއެވެ. ހާސިލްކުރައްވަން ބޭނުންވާ ކަންކަންވެސް ހުންނާނެއެވެ. އޭގެތެރޭގައި ލަހުން ހާސިލްވާނޭ ކަންކަމާއި ވަގުތުން ހާސިލްވާނޭ ކަންކަން ވެސް ހުންނާނެއެވެ. އޭގެތެރެއިން ޖުވޭކުރަން ބޭނުންވެފައި މިހާތަނަށް ނުވެފައިވާކަމެއްގެ ވާހަކަ އޭނާ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ކުރަން ބޭނުންވާ ހުރިހާކަމެއް އެއްވެސް މީހަކަށް ހާސިލްވާނޭ ކަމަށް ޖުވޭ ގަބޫލެއް ނުކުރައްވައެވެ. "އެއްވެސް މީހަކަށް އެމީހަކު ކުރަން ބޭނުންވާ ހުރިހާ ކަމެއް ނުކުރެވޭނެތާ. އެގޮތުން ޖުވޭއަށް ވެސް ނުކުރެވޭ ކަންތައްތައް ހުރޭ. އެކަމަކު ޖުވޭ މީސްމީހުންނަށް ކުރެވިފައި ހުންނަ ކަންތައްފެނިގެން ހިތެއް ނުކިޔާނެ. ޖުވޭއަށް ވެވޭ ވަރުގެ ކަންކަން ކުރެވޭތޯ ބަލަނީ އަދި ހިތްވެސް ކިޔާނީ،" ޖުވާ ވިދާޅުވިއެވެ.
ޖުވޭއަކީ އޭނާއަށް ލިބިފައިވާ ހުނަރަކާއި ދަސްވެފައިވާ އެއްޗެއް ފޮރުވައިގެން ގެންގުޅުއްވާ ބޭފުޅެއްނޫނެވެ. ހިތްހެޔޮކަމާއެކު އެކަމެއް އެހެން މީހުންނަށް ބުނެދިނުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ އޭނާ އަބަދުވެސް ކުރައްވާ ކަމަށެވެ. "އަޅުގަނޑުކުރާ މަސައްކަތާއި ދަސްކޮށްފައި ހުންނަ ހުރިހާ ހުނަރެއް އަބަދުވެސް އެހެން މީހުންނަށް ދަސްކޮށްދޭން މަސައްކަތްކުރަން. މިއީ ހަގީގަތެއްކަމަށް ގަބޫލުކުރާނޭ އެތައްބަޔަކު ވެސް އުޅޭނެ." އޭނާ ވިދާޅުވިއެވެ.
މިވަތު އެންމެ ކުރާހިތްޕުޅުވަނީ ކޮންކަމެއް؟
ޖުވޭ އަކީ އަބަދުވެސް ޕިޔާނޯ ކުޅުއްވާހިތްވާ ބޭފުޅެކެވެ. އަދި ކުޅުއްވާ ބޭފުޅެކެވެ. އެއީ ބުރަ މަސައްކަތަށްފަހު ސިކުނޑިއަށް ހަމަޖެހުން ހޯއްދެވުމަށް ކުރައްވާ ކަމެކެވެ. މީގެ އިތުރުން ރަސްމީކޮށް އޭނާ ކުރައްވަން ބޭނުންވާ ވަރަށް މުހިންމުކަމެއްގެ ވާހަކަ ވެސް ވިދާޅުވިއެވެ. އެއީ ދޮށި އުމުރުގެ މީހުންނަށް ލުއިކަސްރަތު ޕްރޮގްރާމްތަކެއް ހިންގެވުމެވެ. އެހެންނަމަވެސް އަދި ޖުވޭއަށް އެކަން ކުރެއްވިފައެއް ނުވެއެވެ. އެހެނަސް އޭނާގެ އުންމީދުތައް ހާސިލް ކުރއްވުމުގެ ހިތްވަރާއި ހަކަތަ އެބަހުއްޓެވެ.
ޖުވޭ ރިޓަޔަރ ކުރަން ނުވިސްނަވަންތޯ؟
މިއީ އަދި ޖުވޭ އެއްގޮތަކަށް ވެސް ވިސްނަވާފައިވާ ކަމެއްނޫނެވެ. މިއީ އަދި މާފަހުގެ ކަމެއް ކަމަށް ޖުވޭ ވިދާޅުވިއެވެ. އެއީ އޭނާ އަބަދުވެސް ހެލިފެލިވެ އުޅެން ބޭނުންވެއެވެ. މުޖުތަމައަށާއި މީހުންނަށް ފައިދާހުރި މަސައްކަތަކެއް ކުރުމުގެ ދެމިހުންނަވަން ބޭނުންފުޅުވެއެވެ. އެހެންވީމާ އަދިވެސް އޭނާ އެ އިންނެވީ ކުރިއަށް ވަޑައިގެންނެވުގެ އަޒުމުގައެވެ. އެހެނަށް "މަސައްކަތް ނުކުރެވޭ ވަރުވުމުން އެއްވެސް މީހަކަށް ނުކުރެވޭނެތާ. އިރާދަ ކުރެއްވިއްޔާ މަސައްކަތް ނުކުރެވޭ ހިސާބަށް ހާލަތު ދަންދެން މުޖުތަމައަށް ޚިދުމަތް ކޮށްދޭން ބޭނުންވޭ. މަސައްކަތް ނުކުރެވޭ ވަރުވީމައި ހުއްޓާލާނީ،" ޖުވޭވިދާޅުވިއެވެ.