އިސްލާމް ދީނަކީ އެންމެހައި ޒަމާކަނާއި މަކާނަކަށް ވެސް ފެތޭގޮތަށް ބާއްވާލެވިފައިވާ ދީނެކެވެ. އިންސީންނާއި ޖިންނީންނަށް ވެސް، އާޚިރަތުގެ ފަލާޙުގެ އިތުރުން، އިންސާނާގެ ދުނިޔެވީ އެންމެހައި ކާމިޔާބާއި މަޞްލަޙަތުތަށް ވެސް އެންމެ ބޮޑަށް ޙިމާޔަތް ކުރެވިފައިވަނީ ހަމަ އިސްލާމް ދީނުގައެވެ. އިސްލާމް ދީނަކީ ޝާމިލު އަދި ސަމާޙާތްތެރި ދީންކަމުގައާއި، އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތު ލިބުންކަމުގައި ބުނެވޭ ބަހުގެ މާނައަކީ، ބުނެވި ދިޔަ ޙަޤީޤަތެވެ.

އިސްލާމް ދީނަކީ ހަމައެކަނި އަޅުކަންތައް ބަޔާންކޮށްދީފައިވާ ދީނެއް ނޫނެވެ. އިންސާނާއަށް ޙަޤީޤީ ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމާއި، އެކަމެއްގެ ސަބަބުން ޙަޤީޤީ މަންފާއެއް ކުރާނެ އެންމެހައި ކަންކަން ވެސް، އަކުރުން އަކުރަށް ނޫނަސް، ރަނުން ރަނަށް ބަޔާންކޮށްދެއްވާފައި ވެއެވެ. ސައްޙަ ޢިލްމު ޙާޞިލުކޮށް، ބުއްދި ބޭނުންކޮށް އަދި ނިޔަތް އިޚްލާޞްތެރި ކުރުމުން މެނުވީ އެކަންކަން ނުފެނިދާނެއެވެ.

އިސްލާމް ދީނުގެ އެންމެހައި އިރުޝާދުތަކާއި، އަމުރުތަކާއި، ނަހީތަކާއި އަދި ޚަބަރުތައް ވެސް އުފަންވެގެން އަންނަނީ އިލާހީ ވަޙީގެ ޒަރީއާއިން ނެވެ. އިޖްމާލީގޮތެއްގައި ނުވަތަ ސަމަރައިޒްކޮށް ބަޔާންވެފައިވާ ކަންކަމާއި، ތަފްޞީލީ ގޮތެއްގައި ނުވަތަ ޑީޓެލްޑްކޮށް ބަޔާންވެފައިވާ ކަންކަން ވެސް މެއެވެ. ޤުރުއާނާއި ޙަދީޘުގެ ނައްޞުތަކުންނެވެ.

އެހެން ނަމަވެސް އެ ނައްޞުތަކުގެ ޙަޤީޤީ މަފްހޫމް ދެނެގަތުމުގައި ރިޢާޔަތް ކުރަންޖެހޭ އެހެނިހެން އުޞޫލުތަކާއި ޤަވާޢީދުތަކަކާއި މަޤްޞަދު ތަކެއްވެސް ބަޔާން ކޮށްދީފައި ވެއެވެ. ކުރުކޮށް ބުނަނީ ނަމަ، ހަމައެކަނި ޙަދީޘެއް ނުވަތަ އާޔަތެއް ލަފްޒީ މާނައާއެކު ހިތުދަސްވެގެން، ނުވަތަ އިނގިރޭސި އަދި ޢަރަބި ބަސް އެނގޭތީވެ ލިޔެވިފައިވާ ގިނަ ދީނީ ފޮތްތައް ކިޔައި ދޭހަވާން އެނގުމީ، ޙައްސާސު ނުވަތަ ކްރިޓިކަލް މައްސަލަތަކާއި، އިޚްތިލާފް މައްސަލަތަކާއި އަދި އަލަށް އުފަންވާ މައްސަލަތަކުގައި، އެހެން މީހުންނަށް ދީން ބުނެދޭންޖެހޭ މިންވަރަށް ތިބާ ރޯފިލީކީ ނޫންމެއެވެ.

އިސްލާމް ދީނުގައި އެންމެ މައްސަލައެއްގެ ފަތުވާއެއް ނުވަތަ ޙުކުމެއްވެސް ޢާންމު ރައްޔިތަކަށް ބަޔާންކޮށްދެވޭނީ، އެކަމުގެ ޞަލާޙިއްޔަތާއި އަހުލިއްޔަތު ނުވަތަ މެންޑޭޓު ލިބިގެންވާ ބަޔަކަށެވެ. ނޫންނަމަ، މީހަކާއި އިނދެލައި ސާފުތާހިރުވެގެން ހުރީމައި، އިސްލާމް ދީން ފުރިހަމަވީކަމުގައި މީސްތަކުންނަށް ހީވެގެން ދިއުމަކީ ވެސް ދުރުކަމެއް ނޫނެވެ. އެހެނީ ނަބަވީ އިރުޝާދެއްގައި ވަނީ، ކައިވެންޏަކީ ދީނުގެ ދެބައިކުޅަ އެއްބައި ކަމުގައެވެ. އަދި ސާފުތާހިރުކަމަކީ ވެސް ދީނުގެ ދެބައިކުޅަ އެއްބައި ކަމުގައި ވެސް ނަބަވީ އިރުޝާދުގައި ވެއެވެ. އެހެންވީމައި ހާފް ޕަލަސް ހާފް އަކީ ވަން ނޫން ހެއްޔެވެ. ދީން ފުރިހަމަ ވީ ނޫން ހެއްއްޔެވެ!

އިސްލާމް ދީނުގެ ޙުކުމްތައް ނެރެވޭ ދަލީލުތައް ހުންނަނީ، ހަމައެކަނި ޞަރީޙަކޮށް، ނައްޞުން (އެކްސްޕްލިސިޓް އެކްސްޕްރޝަންގައި) ޙުކުމް ބަޔާން ކޮށްދީފައެއް ނޫނެވެ. ނައްޞުގެ ޟިމްނުން (އިމްޕްލިސިޓް އިމްޕްލައިޑް) އިން ވެސް ޙުކުމްތައް ކަނޑައެޅިގެން ދެއެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކަކީ، ޖަވާމިޢުލް ކަލިމަ ނުވަތަ "ކުރުކޮށް ފޮނިކޮށް"، ބަސްތައް މަދުކޮށް މާނަ އިންތިހާއަށް ފުންކޮށް އެކުލެވިގެންވާ ނައްޞުތަކެއް ވެސް މެއެވެ.

ކަނޑައެޅިފައިވާ ޢާންމު ޙުކުމެއް ވަކި ޢައްޔަނު (ސްޕެސިފިކް) ޙާލަތަކަށް ތަންޒީލު (ފިޓު) ކުރާއިރު، ޢާންމު ޙާލަތުގެ ޙުކުމް، އެހެން ޙާލަތެއްގައި އިސްލާމް ދީނުގައި އެ ޙުކުމް ކަނޑައެޅިފައިވާ ޙާލަތަކަށް ބަދަލުވޭތޯ ނުވޭތޯ ވެސް ކަށަވަރު ކުރެވެން ޖެހެއެވެ. މިހެންގޮސް ތަފާތު ގިނަ ކަންކަމަށް ރިޢާޔަތް ކުރެވިގެން ނޫނީ، އެންމެ ސިންގަލް ޙުކުމެއްވެސް ޢައްޔަނުކޮށް ވަކި ޙާލަތަކަށް ނުވަތަ ބަކި މީހަކަށް ތަންޒީލް ނުކުރެވޭނެއެވެ.

އާދޭހެވެ. ރޯދައަކީ ފަރުޞެލެކެވެ. އެޙުކުމްގެ ވާހަކަ ޢާންމުކޮށް ބުނެވޭނެއެވެ. ޓްވިޓަރގައިވެސް އަދި ފޭސްބުކްގައިވެސް ހަމަ ލިޔަންވީއެވެ. ރޯދައަކީ މުސްލިމުންގެ މައްޗަށް ރަމަޟާންމަހު ފަރުޟު ކުރެވިގެންވާ މުހިންމު އަޅުކަމެއް ކަމަށް ލިޔަންވީއެވެ. އަދި ޙައްޖާއި ނަމާދުގެ ވާޖިބު ވާހަކަވެސް މެއެވެ. އެހެންނަމަ ވެސް، ވަކި ޙާލަތަކާއި ގުޅިގެން ވަކި މީހަކު އައިސް ރޯދަ އޭނަގެ މައްޗަށް ވާޖިބު ވާނެތޯ، ނުވަތަ ކޮވިޑް19 އާއި ގުޅިގެން ޙައްޖަށް ހުއްދަ ނުދިނީމައި ސަޢުދީ ޢިލްމުވެރިންނާއި ވެރީން މަންހަޖުން ކަޓާތޯ، ނުވަތަ ފަސްވަގުތު މިސްކިތުން ނުފެންނަ މީހަކު މަރުވެއްޖެނަމަ އޭނާ ހިނަވަން ޖެހޭނެތޯ އެއްޔަކީ، ކިޔަވާކުދިން ބަހުސް ކުރަންޖެހޭ ނުވަތަ ޢިލްމުވެރިން ފަރުދީ ޚިޔާލުތައް ފާޅުކުރަންޖެހޭ ނުވަތަ ޝަރުޢީ ކޯޓަކުން ޙުކުމެއް ކަނޑައެޅިފައިނުވާ ފަތުވާއަކަށް އެކަނި ބިނާވާ ކަންކަމެއް ނޫނެވެ.

ޢަބަސަ ސޫރަތުގެ 31 ވަނަ އާޔަތް، ﴿وَفَاكِهَةً وَأَبًّا﴾ އެވެ. ނިކަން މީހެއްގެ ކުރެއް މިޔާޔަތުގެ މާނައާއިމެދު މިހާރު އަހައިލާށެވެ. ކިރިޔާ ހަނދާނުގެ ކޮޅުންވެސް އެލަފްޒު އަޑުއިވިފައި އޮވެއްޖެ ނަމަ، ހީވި އެއްޗެއް ވަގުތުން ބުނެލާނެއެވެ. އެގޮތުން ވެސް ނޭނގިއްޖެ ނަމަ، ވަގުތުން ގޫގްލް "ޝައިޚް" ކުރެން އަހާލައިގެން ނަމަވެސް ޖަވާބު ދޭނެ ނޫން ހެއްޔެވެ.

އެހެން ނަމަވެސް، މި ސުވާލު އެ ބޭފުޅަކާ ކުރިމަތި ކުރެވުނީމައި، ޖަވާބު އެނގިލެއްވި ނަމަވެސް، ސުވާލު ކުރެވުނު ހިނދު އެކަން ކަށަވަރު ކުރެވިފައި ނެތުމުން، ޖަވާބު ނުދެއްވި ބޭފުޅަކީ މިއުންމަތުގެ ކޮން ބޭފުޅެއްކަން އެނގޭނަމަ، މާތް ﷲ ގެ ދީނާއި ބެހޭގޮތުން ތިމާއަށް ނޭނގޭ، އަދި ކިއެއްތަ ރަނގަޅުހެން ހީވާ އެއްޗެއް ވެސް ނުބުނާނެކަން ކަށަވަރެވެ.

މި ސުވާލުކުރެއްވުމުން ޖަވާބު ދެއްވަން އެވަގުތު ޢުޒުރުވެރިވެ ވަޑައިގެންނެވީ، މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދުގެފާނަށް ފަހުގައި، މިއުންމަތުގެ އެންމެ މާތް އިންސާނާ، އުންމަތުގެ ފުރަތަމަ ޚަލީފާގެ އިތުރުން އުންމަތުގެ ނަބިއްޔާގެ ޚަލީލު (ބެސްޓް ފްރެންޑް)، އަބޫބަކުރުގެފާނެވެ.

عن إبراهيم التيمي ( أن أبا بكر الصديق سئل عن قول الله تعالى: ﴿وَفَاكِهَةً وَأَبًّا﴾ فقال: أي سماء تظلني؟! وأي أرض تقلني؟! إن أنا قلت في كتاب الله ما لا أعلم)

ފަހުގެ ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމް އައް ތައިމީ (އައް ތައިމީ އަކީ ފަހުގެ ތާބިޢީ ބޭކަލެއް ކަމުން އެބޭފުޅާ އަބޫބަކުރުގެ ފާނާއި ދިމާ ނުވާކަމަށް ބަޔާން ކުރަށްވާ ޙަދީޘް ޢިލްމުވެރިން ވިދާޅުވެފައިވަނީ، އައްތައިމީއަކީ އިބްނު ޢައްބާސް އަދި އިބްނު މަސްޢޫދު މި ދެ ޞަހާބީންގެ ދަރިވަރެއްކަމުގައި ވާތީވެ، އައްތައިމީ މި ޙަދީޘް ރިވާކުރަށްވާފައިވަނީ އެދެބޭފުޅުން ކުރެ ބޭފުޅެއް މެދުވެރިކޮށެވެ)، އަބޫބަކުރުގެ ފާނާއި ކުރެވުނު ސުވާލަކާއި ގުޅިގެން ރިވާކުރަށްވާފައިވާ އަޘަރެއްގައި ވެއެވެ.

"﴿وَفَاكِهَةً وَأَبًّا﴾ މާތް ﷲގެ މި ވަޙީ ބަސްފުޅުގެ މާނައާއި ބެހޭގޮތުން އަބޫބަކުރުގެފާނާ ސުވާލު ދެންނެވުނު ހިނދު އެބަސްފުޅުގެ މާނަ ބުނެދެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ކޮން އުޑެއްތޯ ތިމަން ކަލޭގެފާނަށް ހިޔާދޭނީ؟! އަދި ކޮން ބިންގަނޑެއްތޯ ތިމަންކަލޭގެފާނު އުފުލައި ޤަބޫލު ކުރާނީ؟! މާތް ﷲ ގެ ފޮތާމެދު ތިމަންކަލޭގެފާނަށް އެނގި ކަށަވަރުވެވަޑައިނުގަންނަވާ އެއްޗެއް ބުނެވިއްޖެ ނަމަ؟!"

ހިތްމައްޗަށް ގެނެސްގަންނާށެވެ. ވިސްނާލައްވާށެވެ. ޤުރުއާނުގެ އެތަކެއް ލަފްޒުތަކެއްގެ ތަފްސީރު އެކަލޭގެފާނު ދެއްވި، އެތަކެއް ޙަދީޘެއް ރިވާކުރެއްވި، އިސްލާމް ދީނުގެ އެތަކެއް ޙުކުމްތަކެއް ބަޔާންކޮށްދެއްވި، ކަންކަމާއިމެދު އެކަލޭގެ ފާނު ގޮތް ނިންމަވައި ވިދާޅުވެފައިވާ ބަސްފުޅުތައް ވެސް އިސްލާމީ އުންމަތުގެ އެންމެހައި ޢިލްމުވެރިންގެ ތެރޭގައި ވެސް ޤަބޫލުކުރެވެނިވި ޙުއްޖަތަކަށް ވާއިރު، "وَأَبًّا" މި ލަފްޒުގެ މާނަ އަބޫބަކުރުގެ ފާނަށް އެނގިވަޑައި ނުގެންނެވީ ހެއްޔެވެ؟! ނޫންމެއެވެ. އެހިނދަށް އެލަފްޒުގެ މާނަ ކަށަވަރު ވެވަޑައިނުގެންނެވީމައި ﷲގެ ޙަޒްރަތައް ބިރުވެތިވެލަށްވައި ވަރަޢަވެރި ވެލެއްވީއެވެ.

އަހުލުއް ސުންނަތުގެ ހަތަރު މަޒްހަބުކަމުގައި އިސްލާމީ ޢިލްމުވެރިން ބަލައިގެންފައިވާ ހަތަރު މަޒުހަބުގެ އިމާމުންގެ ތެރެއިން މާލިކީ މަޒުހަބުގެ އިމާމު، އިމާމު ދާރުލް ހިޖްރަ ނުވަތަ މަދީނާގެ އިމާމުގެ ނަމުން މަޝްހޫރުވެފައިވާ، މާތް ﷲ ރަޙްމަތްލެއްވި އިމާމް މާލިކު، މަސްޖިދުއް ނަބަވީގައި އިންނަވަނިކޮށް ޢާންމުންގެ މީހަކު އައިސް އެކަލޭގެފާނާއި ދީނީ ސުވާލުތަކެއް ކުރެއެވެ. އެއް ސުވާލަށްވުރެ ގިނަ ސުވާލު ކުރެއްވުމުން ވެސް އިމާމު މާލިކްގެފާނު ތަކުރާރުކޮށް ދެއްވި ޖަވާބަކީ، "ތިމަން ކަލެގެފާނަށް (ތިޔަ ސުވާލުގެ ޖަވާބު) ނޭނގެއެވެ"

ސުވާލު ކުރި މީހާ ހިތްހަމަ ނުޖެހި ހުރެގެން އިމާމް މާލިކަށް ނިޞްބަތް ކުރަށްވައި ބުންޏެވެ. މުސްލިމުންގެ އިމާމަކަށް އެވަރުގެ ސުވާލެއްގެ ޖަވާބު ނޭނގޭހެއްޔެވެ؟ ޖަވާބުގައި މާލިކުގެ ފާނު ވިދާޅުވިއެވެ. އާދޭހެވެ. މުޅި މަދީނާގެ އަވައްތަކުގެ ތެރެއަށް ނިކުމެ އެވާހަކަތައް ގޮވާށެވެ. އިމާމް މާލިކަށް އެއްވެސް އެއްޗެއް ނޭނގޭވާހަކަ ކިޔާށެވެ.

ނަމަވެސް މިއަދުގެ ހާލަތު ވިސްނާލަމާ ހެއްޔެވެ؟ ދެ އަހަރަކު ކިޔަވަވައިލާ އިރަށް ދަރިވަރުން މިފަށަނީ ފަތުވާ ދޭންށެވެ. ގޫގުލްގައި އިނގިރޭސި ބަހުން ނުވަތަ އެހެން ބަހަކުން ނަމަވެސް ސުވާލު ލިޔެލައި ސާރޗް ކޮށްލައި ފަތުވާ ދެވެނީއެވެ. އާދޭހެވެ. އިންޓަރނެޓަކީ ޢިލްމީ ވަޞީލަތެކެވެ. އެހެން ނަމަވެސް ރަނގަޅާއި ނުބައި ފެނުނީމައި، ތިބާއަށް ލިބިފައިވާ ކަށަވަރު ޢިލްމަކުން، އިންޓަރނެޓުގައިވާ ރަނގަޅާއި ނުބައި ދެނެގަނެވޭ ފަދަ ޢިލްމެއް ޙާޞިލު ކުރެވިފައި ނުވާ ނަމަ، އަސާސީ މަޞްދަރު ނުވަތަ ފަތުވާގެ ގޮތުގައި ސައިޓުތަކުން ތަރުޖަމާކޮށް ފަތުވާ ނަގައިގެން، ޚާއްޞަކޮށް އެހެން މީހުންނަށް ބުނެދިނުމަކީ ހުއްދަކަމެއް ނޫނެވެ.

ނުވަތަ، ހަމައެކަނި ޙަދީޘެއް ނުވަތަ އާޔަތެއް ލަފްޒީ މާނައާއެކު ހިތުދަސް ވެގެން، ނުވަތަ އިނގިރޭސި އަދި ޢަރަބި ބަސް އެނގޭތީވެ، ލިޔެވިފައިވާ ގިނަ ދީނީ ފޮތްތައް ކިޔައި ދޭހަވާން އެނގުމީ، ޢާންމު މަސްލަޙަތު ހިމެނޭ ޙައްސާސު މައްސަލަތަކާއި އިޚްތިލާފް މައްސަލަތަކާއި އަދި އަލަށް އުފަންވާ މައްސަލަތަކުގައި އެހެން މީހުންނަށް ދީން ބުނެދޭންޖެހޭ މިންވަރަށް ތިބާ ރޯފިލީކީ ނޫން މެއެވެ.

އަދިހަމަ ޞައްޙަ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރީން ވެސް، މުޅި ޤައުމުގެ ޢާންމު މަޞްލަޙަތާއި ގުޅިފައިވާ ކަންކަމުގައި ޓްވިޓަރ އަތްގަނޑިގައި ނުވަތަ ވައިބަރ ގްރޫޕްތަކުގައި ފަރުދީ ފަތުވާ ޢާންމުކޮށް، އެއާއި ރައުޔު ތަފާތުވާ އެހެނިހެން ޢިލްމުވެރިންނާއި، ޢާންމު މަންސަތަކުގައި ޒުވާބު ވައްތަރު ބަހުސްކޮށް ޖަދަލުކުރުމަކީ ވެސް އިސްލާމީ ބޮޑެތި ޢިލްމުވެރިން ދެއްކެވި ނަމޫނާއެއް ވެސް ނޫންމެއެވެ.

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި އިސްލާމް ދީނުގެ މަންހަޖަކީ، އެމަސްއޫލިއްޔަތު އަދާކުރުމުގައި ދަޢުލަތާއި ފަރުދުން އެއްހަމަ ވުމެއް ނޫނެވެ. ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭކަންކަން ފަރުދުން ކުރާނީއެވެ. ފަރުދުންގެ އެންމެ މުހިންމު މެންޑޭޓަކީ ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް، އިސްލާޙުވެ އިޞްލާޙު ކުރުމެވެ. އަދި އެހެނިހެން މީހުންނާއި މުޅި މުޖުތަމަޢު އިޞްލާހު ކުރުމުގައި ޢާންމު ފަރުދުންގެ ދައުރަކީ، އިޚްލާޞްތެރި ނަޞީޙަތާއި ދުޢާ އެވެ. އަމުރުކުރުމާއި އިންޒާރު ދިނުމާއި ފިޔަވަޅު އެޅުމަކީ ފަރުދުންގެ މެންޑޭޓެއް ނޫނެވެ. އެއީ ޓްވިޓަރ އަދި ފޭސްބުކްގައި ކަމަށް ވީނަމަވެސް މެއެވެ.

ދައުލަތުގެ ފެންވަރުގައި ކުރަންޖެހޭ ކަންކަން ދައުލަތުން ކުރުމަށް ދައުލަތައް ނަޞީޙަތްތެރި ވާނީ ޢިލްމުވެރީންނެވެ. ޢިލްމުވެރީންގެ އިޚްލާޞްތެރި ނަޞީޙަތް އައްސަވައި ޢަމަލުކޮށް ފިޔަވަޅު އަޅުއްވާނީ ވެރީންނެވެ. އިސްލާމީ ޞައްޙަ ސާފު މަންހަޖަކީ މިއީ އެވެ. މުސްތަޝްރިޤުންގެ ދަންތުރައިގައި ޖެހި، ހަމާސް އަރައިގެންގޮސް، އިސްލާމީ ރިވެތި މަތިވެރި އުސޫލުތައް ހުތުރު ކުރުމަށް އެބައިމީހުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީގެ ބޮޅަކަށް، ޢިލްމުވެރިންނާއި، ޢިލްމަށް ލޯބިކުރަށްވާ ދަރިވަރުންނާއި، ނޫކަށިފުރައިގެ ޒުވާނުންނާއި އަދި އެންމެހައި ރައްޔިތުންވެސް ނުވަމާ ހެއްޔެވެ.....