ސްރީލަންކާގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޓްރޭޑް ޔޫނިއަންގެ މަސްދަރުތަކާ ހަވާލާދީ ޑެއިލީ މިރަރ ނޫހުން މިއަދު ބުނެފައިވަނީ، ސްރީލަންކާގައި ދެން އެއް ދުވަހަށް ވާރަށްވެސް ތެލެއް ނެތް ކަމަށެވެ. މިހާރު ސްޓޮކްގައި ބާކީ ހުރީ ހަމައެކަނި 1100 ޓަނުގެ ޕެޓްރޯލާއި 7500 ޓަނުގެ ޑީސަލް ކަމަށް ބުނެއެވެ.

ޑެއިލީ މިރަރ ނޫހުން ބުނީ ރައްޔިތުންނަށް ތެޔޮ ސަޕްލައިކުރުމަށް މިނިސްޓަރ އޮފް ޕަވަރ އެންޑް އެނަރޖީ ކަންޗަނާ ވިޖެސޭކަރާ އިޢުލާންކުރެއްވި ޓޯކަން ސިސްޓަމަކީވެސް މިހާރު ބޭކާރު ސިސްޓަމެއް ކަމަށެވެ. އަދި ތެލުގެ ބާކީ ހުރި މަދު ސްޓޮކް ބޭނުން ކުރާނީ ޒަރޫރީ ޚިދުމަތްތަކުގެ ދާއިރާއަށް ކަމަށްވާތީއެވެ.

މިދިޔަ ހަފްތާގައި ތެޔޮ ބޯޓެއް ބަނދަރަށް ވަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި މިނިސްޓަރު މިހާރު ވިދާޅުވެފައި ވަނީ ދެން ތެޔޮ ޝިޕްމެންޓެއް އަންނާނެ ތާރީޚެއް އަދި ޔަގީން ނުވާ ކަމަށް ވިދާޅުވެފައެވެ. ޑެއިލީ މިރަރ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިމައސަލަ ދިމާވެފައި ވަނީ ސްރީލަންކާއިން ދައްކަންޖެހޭ ފައިސާ ނުދެއްކުމާއި، ބައިނަލްއަގްވާމީ ބޭންކް ގެރެންޓީތައް ދީފައި ނުވާތީއެވެ. އަދި މިއަދާ ހަމައަށްވެސް ތެލުގެ އައު ޝިޕްމަންޓްތަކަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ އެވެ. މިދިޔަ ހަފްތާގައި އެއްވެސް އުޅަނދެއް ސްރީލަންކާއަށް ވަދެފައި ނުވާކަމަށްވެސް ނޫހުން ބުންޏެވެ.

ސްރީލަންކާ ޑިފޯލްޓް ވުމުން ބައިނަލްއަގްވާމީ ބައެއް ކުންފުނިތަކުން ވަނީ ސްރީލަންކާ ބްލެކްލިސްޓް ކޮށްފައި ކަމަށްވެސް ޑެއިލީ މިރަރގައި ބުނެފައި ވެއެވެ.