ޕާކިސްތާނުގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ކަމުގެ ތުހުމަތުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ގައުމަށް ޚިޔާނާތްތެރި ވުމުގެ ދައުވާ އުފުލިދާނެކަމަށް ޖިއޯ ނިއުސްއިން ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ މަރްޔަމް އައުރަނގަޒެއިބު ނިއުސް ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު، އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މައްސަލަ ކުރިމަތިވުމުން، ގާނޫނުއަސާސީއާ ޚާންއާއި ބައިވެރިން ވަނީ ޚިލާފްވެ ވަޑައިގެންފައެވެ. އަދި މަޖިލީހުގެ ނާއިބް ރައީސްވަނީ ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުން ގާނޫނުއަސާސީއާ ހިލާފަށް އެ މައްސަލަ ބޭރުކޮށްލުމަށް މަސައްކަތް ކޮށްފައެވެ. ޖިއޯ ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި އެކަމަނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އޭރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމަށ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ޕީޓީއައިގެ އިސްބޭފުޅެއްކަމަށްވާ ނޭޝަނަލް އެސެމްބްލީގެ ކުރީގެ ނައިބު ރައީސް ގާސިމް ސޫރީ އެ މައްސަލަ ބޭރުކޮށްލުމަށް ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައުރަނގަޒޭބް އިތުރަށް ވިދާޅުވީ ވަކި ފަރާތްތަކަށް ނުޖެހި ތިބި މެމްބރުންނަށް އިމްރާން ޚާން ކެނޑިނޭޅި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށާއި މިއީ މާއްދާ 6އާ ޚިލާފަށް އޭނާ ކުރެއްވި ކަމެއް ކަމަށެވެ.

އަދި އިމްރާން ޚާން ކުރެއްވި މަސައްކަތަށް އަޣުލަބިއްޔަތު ނުލިބުމުން ޚާން ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ވެރިކަމުން ވަކިވެވަޑައިގެންނވިތާ އިރުކޮޅެއްގެ ތެރޭގައި ނޭޝަނަލް އެސެމްބްލީގައި ގައުމު މިނިވަންކުރުމަށް ވިދާޅުވެ މަސައްކަތެއް ފަށްޓަވާފައި ކަމަށްވެސް ވިދާޅުވިއެވެ.

ފަހުން ސުޕްރީމް ކޯޓުން މިމައްސަލާގެ ތެރެއަށް ވަދެ ހަތަރު ދުވަސްވަންދެން ހުރުހައި ފަރާތްތައް ހާޒިރުކޮށް އަޑު އެހުންތައް ބާއްވަން ޖެހުނެވެ. އަދި އިމްރާން ޚާން މަގާމުން ދުރުވެވަޑައިގަތީ އޭގެ ފަހުންނެވެ.

ޚާންގެ މައްޗަށް ގައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލޭނެކަމަށް ބަލާފައި ވަނީ ގާނޫނުއަސާސީގެ 5 ވަނަ މާއްދާގެ (1) ގެ ދަށުން "ދައުލަތަށް ވަފާތެރިވުމާއި ގާނޫނުއަސާސީއާއި ގާނޫނަށް ކިޔަމަންވުން" މިއީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ލާޒިމުކޮށްފައިވާ ވާޖިބަކަށް ވާތީއެވެ.

އޭގެ އިތުރުން ޙަވާލާދޭ އަނެއް މާއްދާއަކީ ގާނޫނުއަސާސީގެ ބާރުކަނޑުވާލުމަށް މަސައްކަތް ކުރުން މަނާ ކުރާ ހަވަނަ މާއްދާއާއެވެ.

އެހެންކަމުން، ޚާންގެ މައްޗަށް ހިންގާ ޝަރީޢަތަކީ، ޤާނޫނުއަސާސީގެ ދަށުން ސައްޙަ ޝަރީއަތެއް ކަމުގައި ވާނަމަ ޕާލަމެންޓްގެ ވޯޓަށް ހުރަސްއެޅުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދަޢުވާކުރެވިދާނެ އެވެ. އޭގެ ތެރޭގައި ރައީސް އާރިފް އަލްވީއާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ އަސަދު ޤައިސަރާއި، މަޖިލީހުގެ ނައިބު ރައީސް ގާސިމް ޝާހް ސޫރީއާއި، ކުރީގެ ދެ ވަޒީރުން ކަމަށްވާ ޝާހް މަހްމޫދު ގުރޭޝީއާއި، ފަވާދު ޗައުދަރީ ހިމެނިވަޑައިގަންނަވާނެއެވެ.