ގދ. ފަރެސްމާތޮޑާއަށް އުދައަރަމުންދާތީ އުދައަރާ ސަރަހައްދުތަކުގައި ޖަމްބޯބޭގު ޖަހަން ފަށައިފިއެވެ.

އެރަށު ކައުންސިލުން ވިދާޅުވީ އެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. ކައުންސިލްގެ ނާއިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ މިވަގުތު ދިޔަވަރު ހިކިފައި އޮތުމުން އުދައެރުން ހުއްޓިފައިވާ ކަމަށެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތު އަދި އުދައެރުމުގެ ބިރުއޮތުމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަމްބޯބޭގު ޖެހުމުގެ މަސައްކަތް މިވަގުތު ވެސް ކުރަމުންދާ ކަމަށެވެ.

"އުދައި އެރުމުގެ ސަބަބުން ހަ ގެއަކަށް މިހާތަނަށްވަނީ ލޮނުވަދެފައި. އެހެންނަމަވެސް ހިފާ ގެންގުޅޭ ސާމާނަށާއި އެހެން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާއަކީ ދިޔަބޮޑުވާ ދުވަސްވަރު އާންމުކޮށް އުދައިގެ އަސަރު ކުރާ ތިރި ރަށެކެވެ.