މިދިޔަ އޭޕްރީލް މަހު ކަރާޗީ ޔުނިވާސިޓީގައި ޗައިނާ ބަސް ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ޖާނު ގޮއްވާލުމުގެ ބޮމުގެ ހަމަލާއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިން ހަނގުރާމަވެރިއަކު ޕާކިސްތާނުން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ކަރާޗީ ޔުނިވަރސިޓީގެ ގޭޓް ކައިރީގައި ހިނގި މިހާދިސާގައި ހަތަރު މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި މިނީ ބަސް ދުއްވަން އިން ޕާކިސްތާން ޑްރައިވަރާއި ކޮންފޫޝިއަސް އިންސްޓިޓިއުޓްގެ ޗައިނާގެ ތިން ސްޓާފުން ވެސް ހިމެނެ އެވެ.

ސިންދު ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު ޝަރްޖީލް މޫމިން ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ މި ހަމަލާއަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ޖަމާއަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން ފްރަންޓާއި ބަލޫޗިސްތާން ލިބަރޭޝަން އާމީ ގުޅިގެން ދިން ހަމަލައެއް ކަމަށެވެ.

މި ހަމަލާަގއި ހައްޔަރުކޮށްފައިވާ މީހާ އެއްބަސްވެފައވާ ގޮތުގައި އޭނާއަކީ ބަލޯޗް ލިބަރޭޝަން ފްރޮންޓްގެ ސްލީޕާ ސެލްއެއްގެ ކޮމާންޑަރެއްކަމަށް އެއްބަސްވެފައެވެ.

"ފުލުހުން ބުނި ގޮތުގައި މިމީހާ ވަނީ ކަރާޗީ ޔުނިވާސިޓީގައި ޗައިނާގެ ރައްޔިތުންނަށް ފާރަލުމަށް މަސައްކަތް ކޮށްފައެވެ. އަދި ބަލޫޗިސްތާން ލިބަރޭޝަން އާމީން ހަވާލު ކުރި މަސައްކަތުގައި ޖާނު ގޮއްވާލުމުގެ ހަމަލަ ދިން މީހާއާއި އޭނާގެ އަންހެނުންނާ ބައްދަލުކޮށް އެހީވެދީ ހަދާފައެވެ.

ފަހަކަށް އައިސް ޕާކިސްތާނުގައި މަސައްކަތް ކުރާ ޗައިނާ މީހުންނަށް ފުރިހަމައަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ދަނީ ޕާކިސްތާނަށް ފިއތަމުންނެވެ.

މައުދަންގެ ގޮތުން މުއްސަނދި ބަލޫޗިސްތާނުގައި ގަވާދަރު ސިޓީގައި ޗައިނާއިން ފުން ބަނދަރެއް ހަދާފައި ވެއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާ ޕާކިސްތާން އިކޮނޮމިކް-ކޮރިޑޯ (ސީޕެކް) މަޝްރޫއުގެ ބޮޑު ބައެއްވެސް މި ސިޓީގައި ހިނގަމުން ދެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ކިޔައިދިން ގޮތުގައި ހަނގުރާމަވެރި ނެޓްވޯކަކީ އަވަށްޓެރި ގައުމުތަކަށް ފެތުރިފައިވާ ނެޓްވޯކެކެވެ.

ބަލޫޗީ ހަނގުރާމަވެރިން ބުނަމުން ދަނީ އެމީހުން ހަނގުރާމަކުރަމުން ދަނީ ބަލޫޗިސްތާނުގެ ފުރިހަމަ މިނިވަންކަމަށްޓަކައި ކަމަށާއި، އެ ސަރަހައްދުގެ މައިންތަކާއި މިނަރަލްތަކުގައި ވެސް ބޮޑު ހިއްސާއެއް ހޯދުމަށް ކަމަށެވެ.