އޮގަސްޓު މަހު މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ

0

ފާއިތުވެގެން ދިޔަ އޮގަސްޓު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީއަކީ ލަފާކުރިވަރަށްވުރެ 16.8 އިންސައްތަ އިތުރު އަދަދެކެވެ. އެހެން ނަމަވެސް ފާއިތުވެގެން ދިޔަ 2017ގެ އޮގަސްޓުމަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ ވަނީ 0.4 އިންސައްތަ ދަށްވެފައެވެ.

Advertisement

މިދިޔަ މަހު މީރާގެ އާމްދަނީއަށްބަލާއިރު އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 529 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. ބީޕީޓީގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބުނު އިރު ލީސް ޕީރިއަޑް އެކްސްޓެންޝަންގެ ގޮތުގައި 76 މިލިއަން ރުފިޔާ ވަނީ މީރާއަށް ވަދެފައެވެ.

މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް މީރާއަށް ވަނީ ޖުމްލަ 11.6 ބިލިއަން ރުފިޔާ ވަދެފައެވެ. 2017ގެ އޮގަސްޓުގެ ނިޔަލަށް ވަދެފައިވަނީ 10.9 ބިލިއަން ރުފިޔާއެވެ.

Advertisements