އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގއަކީ ފަސޭހަ އަންހެނެއް ނޫނެވެ. އޭނާ ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީއާއި ބާލީގައި ޖޭ20ގެ ސަމިތްގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ.

ޕެނީ ވިދާޅުވީ ޗައިނާއާއެކު ހުރި މައްސަލަތައް ބައިވަރު ކަމަށެވެ. އަދި ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް މައްސަލަތައް ހައްލެއް ނުކުރެވޭ ކަމަށެވެ.

ޗައިނާގެ އުފެއްދުންތަކަށް ބޭނުންވާ ރީ މެޓީރިއަލް ސަޕްލައި ކުރުމަށް އޮސްޓްރޭލިއާއަ،ކީ ޗައިނާއަށް ބަރޯސާ ކުރަން ޖެހޭ ގައުމެކެވެ. ނަމަވެސް ޗައިނާއިން ކިބުރު ވެރިކަމާއެކު ބޮޑާކަން ދެއްކުމަށްފަހު އޮސްޓްރޭލއާއިން ބޯހަރުކަން ދެއްކުމުން މިހާރު ޗައިނާ ވަނީ ހަމަ ބިމަށް ތިރިވެފައެވެ.

އޮސްޓްރޭލިއާގެ ވެރިކަން ކުރާ ޕާޓީ ވަނީ ބަދަލުވެފައެވެ. ނަމަވެސް އޮސްޓްރޭލިއާއިން ދެކޭ ގޮތާއި ގެން ގުޅޭ އުސޫލާއި ޗައިނާ ޕޮލިސީއަށް ބަދަލެއް ގެނަސްފައެއް ނުވެއެވެ.

ޗައިނާއަށް އެންމެ ފަހުން އޮސްޓްރޭލިއާ ފުށުން ހިތްދަތިކަން ކުރިމަތިވީ މިދިޔަ ހަފްތާގައި ނޭޓޯގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެގެން އެ އިއްތިހާދުގެ އައު "ސްޓްރެޓީޖިކް ކޮންސެޕްޓް" އަށް އޮސްޓްރޭލިއާއިން ތާއީދު ކުރުމުންނެވެ.

ޗައިނާއިން ވަނީ އޮސްޓްރޭލިއާގެ ބައެއް އެކްސްޕޯޓްތައް މަނާކޮށްފައި ވެއެވެ. އޮސްޓްރޭލިއާއާ މެދު ޗައިނާއިން ގެންގުޅުނު ވިސްނުމުގައި މައްސަލަ އުޅެނީ ޗައިނާ ފަޅީގައެވެ. ނަމަވެސް ޗައިނާއިން ބާރު ދައްކައިގެން ހިންގާން އުޅުނު ޚާރިޖީ ސިޔާސަތު ކާމިޔާބު ނުވުމުން މިހާރު އުޅެނީ ކަންބަޅިއެއްގެ ކެހެރިގަނޑަކަށް އެރިގެންއުޅޭ ހިޔަޅެއް އުޅޭ ބީދައިންނެވެ.

ޗައިނާއާ މެދު އޮސްޓްރޭލިއާއިން ހަރުކަށި ވިސްނުމެއް ގެންގުޅެން ފަށާފައިވަނީ މެލްކޮމް ޓާންބުލްގެ ވެރިކަމުގައި ޗައިނާ އޮސްޓްރޭލިއާ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވައި އިންފްރާސްޓްރަކްޗާއަށް އަތްގަދަކުރުމަށް މަސައްކަތް ކުރުމުންނެވެ. އޮސްޓްރޭލިއާގެ ސިޔާސީ ފަންތިއަށް ޗައިނާއިން ފައިސާއަޅައި ނުފޫޒު ފޯރުވާން އުޅުނެވެ. އެއަށްފަހު އޮސްޓްރޭލިއާއިން ވަނީ ޗައިނާއަށް އަމާޒުކޮށް، ބޭރުގެ ނުފޫޒުތަކާ ދެކޮޅު އާ ގާނޫނުތަކާއި ގަވާއިދުތައް ހަދައި ފާސްކޮށްފަ އެވެ.

އޮސްޓްރޭލިއާއިން ވަނީ އެގައުމުގެ 5ޖީ އިންފްރާސްޓްރަކްޗާއަށް އާލާތް ސަޕްލައި ކުރެވޭނީ ކޮން ގައުމުތަކަކުންތޯ ކަނދައަޅާފައެވެ. ޗައިނާގެ ކުންފުނިތައް ކަމަށްވާ ހުއާވޭ އާއި ޒެޑްޓީއީ އާ މުއާމަލާތު ކުރުން ވަނީ މަނާކޮށްފަ އެވެ. ފޮރިން އިންވެސްޓްމަންޓްގެ ކަންކަން މިހާރަށްވުރެ ހަރުކަށި ކުރުމުގެ މާނައަކީ، ޗައިނާއަށް ކަރަންޓް ޓްރާންސްމިޝަން އިންފްރާސްޓްރަކްޗަރ ގަތުމާއި، ސަލާމަތީ ގޮތުން ހައްސާސް ސައިޓްތައް ކައިރީގައި ހުންނަ ބިންތައް ގަތުން މަނާ ވުމެވެ.

އޮސްޓްރޭލިއާގެ މަގުތަކާއި ޕޯޓްތަކުގައިވެސް ޗައިނާއަށް އިންވެސްޓެއް ނުކުރެވޭނެއެވެ.

އޮސްޓްރޭލިއާއަކީ ޗައިނާއަށް ރޯމެޓީރިއަލް ސަޕްލައި ކުރާއިރު ދެ ގައުމުގެ ވިޔަފާރި ގުޅުމަކީ ދެފަރާތަށް ވެސް ހަމައަމަށް ފައިދާ ކުރާ ގުޅުމެކެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ޗައިނާގެ ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުން މިކަން މާނަކުރެއްވީ އޮސްޓްރޭލިއާއާއެކު އޮންނަ ގުޅުމުން ޗައިނާއަށް ބާރުތަކެއް ލިބޭ ކަމަށެވެ.

އޮސްޓްރޭލިއާގެ ދަނޑުވެރިންނާއި، ޔުނިވަރސިޓީތަކާއި، ފަތުރުވެރިކަމަށް ޗައިނާގެ އެކްސްޕޯޓުން ބަރޯސާވެއެވެ. ޗައިނާއިން ބަލާފައި ވަނީ ހަމައެކަނި ޗައިނާއިން އޮސްޓްރޭލިއާއާއެކު ކުރާ ވިޔަފާރިއަށެވެ. ދެ ގައުމުގެ ދމެދުގެ ބަހުގެ ހަނގުރާމަ ވިޔަފާރީގެ ގަނާ ކުރުމަކަށް ޗައިނާއިން ބަދަލުކޮށްލިއެވެ.

އޮސްޓްރޭލިއާގެ ވައިންއަށް ޗައިނާއިން ނަގާ ޑިއުޓީ ބޮޑު ކޮށް އޮސްޓްރޭލިއާގެ ލޮބްސްޓާ އެތެރެ ކުރުން މަނާ ކުރިއެވެ.

ޗައިނާ ބޭނުންވީ އޮސްޓްރޭލިއާއަށް ގަނާ ކޮށްގެން އެމެރިކާއާ ތަންފުކެއް ނަމަވެސް ދުރަށް އޮސްޓްރޭލިއާ ޖައްސާށެވެ. އޮސްޓްރޭލިއާއަކީ ޕެސިފިކް ކަނޑުގައި އެމެރިކާގެ އެންމެ އަސާސީ ބައިވެރިޔާއެވެ.

މިކަން ކާމިޔާބު ވިނަމަ ޗައިނާއިން ދައްކަން ބޭނުންވީ އެމެރިކާގެ ނުފޫޒު ކުޑަ ވަމުންދާ ކަމެވެ.

ޗައިނާއިން މީގެ ކުރިންވެސް މިފަދަ އުކުޅުތައް ފިލިޕީންސާއި ދެކުނު ކޮރެއާއާ ދެކޮޅަށް ބޭނުން ކުރިއެވެ.

އޮސްޓްރޭލިއާއިން ވަނީ ޗައިނާއަށް ދުލެއް ދިނުމަކާ ނުލައި ޗައިނާއިން ރިޖެކްޓްކޮށްފައިވާ މުދަލަށް އާ މާކެޓްތަކެއް ހޯދާފައެވެ. އޮސްޓްރޭލިއާއާ ދެކޮލަށް މިއީ ޗައިނާއިން ކުރި އެކްސްޕެރިމެންޓެއް ނަމަ އެކަން ވަނީ ނާކާމިޔާބުވެފަ އެވެ.

އެހެންވެ، މިހާރު ޗައިނާ ދަނީ އެގައުމުން އޮސްޓްރޭލިއާއާއެކު ބާައްވާ ގުޅުން އަލުން ރީކެލިބްރޭޓް ކުރަމުންމނެވެ. ޗައިނާ ބުނަން ބޭނުން ވަނީ ވެރިކަން ބަދަލުވެ ޗައިނާއަށް އޮސްޓްރޭލިއާ ފަހި ވެއްޖެ ކަމަށެވެ.

އެކަމަކު އޮސްޓްރޭލިއާގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. "ޗައިނާއާ އެކު ގުޅިގެން މަސައްކަތް ކުރާނަން، އެކަމަކު އޮސްޓްރޭލިއާގެ ވެލިއުސްތައް ދަމަހައްޓާނަން" ޕެނީ ޗައިނާ ދެއްވީ މި މެސެޖެވެ.