ޕާކިސްތާނުގައި ކާރު އުފައްދާ އެންމެ މަޝްހޫރު ދެ ކުންފުނި ކަމަށްވާ ޓޮޔޯޓާ އާއި ސުޒުކީއިން އަންނަ މަހު ބައެއް ޕްލާންޓްތައް ބަންދު ކުރަން ރާވާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭގެ ސަބަބަކީ ބައެއް ބާވަތްތައް އިމްޕޯޓް ކުރުމަށް ހުރަސްއަޅާފައި ވުމާއި ބޭރުފައިސާ ލިބުގެ ދަތިކަމާއި ގައުމުގެ ފައިސާގެ އަގު ވެއްޓުމާއި ބައެއް ރޯމެޓީރިއަލްގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ކަމަށް އެ ދެ ކުންފުނީގެ އޮފިޝަލުން ބުދަ ދުވަހު ބުނެފި އެވެ.

ޕާކިސްތާންގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބާރަށް ދަށަށް ގޮސް، ރުޕީސްގެ އަގު ދަށްވެފައި ވެއެވެ. އަދި ގައުމުގެ ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވަމުންދާތީ، ސަރުކާރުން ވަނީ އިމްޕޯޓް ކުރުމަށް ހުރަސްތަކެއްވެސް އަޅާފައެވެ. މިހާރު މި އަހަރުގެ ތެރޭގައި ރުޕީސްގެ އަގު ވަނީ 20 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައެވެ.

ޕާކިސްތާންގެ މަރުކަޒީ ބޭންކުން ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ބޭންކުތަކަށް ލެޓަރ އޮފް ކްރެޑިޓް ކްލިއަރެންސް ދިނުން ލަސްކޮށްފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

"ޓޮޔޯޓާ ކާރު އެސެމްބަލް ކުރާ ކުންފުނިން ވަނީ މަސައްކަތު ދުވަސްތައްވެސް މަދުކޮށްފައެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އަންނަ މަހު މަސައްކަތް އޮންނާނީ 10 ދުވަހަކަށެވެ. އަދި ޑެލިވަރީތައް މަދުވެގެން ތިން މަސް ދުވަހަށް ލަސްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންވެ، އަގުތައް މުރާޖައާ ކުރަން ޖެހިދާނެ ކަމަށާއި ފައިސާ އަނބުރާ ދައްކަން ޖެހޭ ފަރާތްތަކަށް ފައިސާ ދޭނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.