ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ޗައިނާއިން ބުނީ، މިއީ "ވަން-ޗައިނާ އުސޫލާ ވަރަށް ބޮޑަށް ޚިލާފް" އމަލެއް ކަމަށެވެ.

އަދި މި ދަތުރުގެ ސަބަބުން ޗައިނާ-އެމެރިކާ ގުޅުމުގެ ސިޔާސީ ބިންގަލަށް "ވަރަށް ބޮޑު އަސަރެއް" ކުރާނެ ކަމަށް ބުނެފައެވެ.

ޕެލޯސީ ދެންމެ ޓައިޕެއިއަށް ފަބައި ވަޑައިގަތް އިރު އިސްތިގްބާލު ކުރެއްވީ ޓައިވާންގެ ފޮރިން މިނިސްޓަރެވެ.

ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނީ ޕެލޯސީގެ ދަތުރުފުޅުގެ ސަބަބުން ޗައިނާގެ ސިޔާދަތާއި ސަރަހައްދީ މިނިވަންކަމަށް ވަރަށް ބޮޑަށް އަރައިގަނެފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ޓައިވާން ސްޓްރެއިޓް ގެ އެކި ކަންކޮޅުތަކުގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވަރަށް ބޮޑަށް ހީނަރުވެ، ޗައިނާއިން ވަކި ވެގަންނަން އުޅޭ ފަރާތްތަކަށް ނުބައި ސިގްނަލެއް ފޮނުވާ ކަމަށްވެސް ޗައިނާ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޗައިނާއިން އެމެރިކާއަށް ބާރު އެޅީ "ޓައިވާން ކާޑު ކުޅުން ހުއްޓާލުމަށާއި ޗައިނާގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި" "ނުބައި އަދި ނުރައްކާތެރި މަގުން އިތުރަށް ކުރިއަށް ނުދިއުމަށް" ކަމަށެވެ.