އެއްވެސް ޖިންސަކަށް ނުފެތޭ މީހުން ކަމުގައި ވިއަސް ނުވަތަ ޚުންސާއިންގެ ކެޓަގަރީގައި ހިމެނޭ މީހުން ކަމުގައި ވިއަސް އެމީހުންނަށް ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދަ ދޭން އިންޑިއާއިން ނިންމައިފިއެވެ. ތަފާތު ކުރުމަކާ ނުލައި ޓްރާންސްޖެންޑަރުގެ ބަޔަކަށް މިފަދަ މަސައްކަތަކަށް ކުރިމަތިލާން ހުއްދަ ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

އިންޑިއާ ސަރުކާރުން ވަނީ ޚުންސާ ޕައިލެޓުންގެ އެއިރޯމެޑިކަލް އިވެލުއޭޝަންގެ ގައިޑްލައިންތަކެއް އެކުލަވާލައި ޝާއިއުކޮށްފައެވެ. ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މެޑިކަލް އެސެސްމަންޓް ހަދަން ވާނީ އެންޑޯކްރިނޮލޮޖިސްޓް ނުވަތަ ކަމާ ގުޅޭ ކެންޑިޑޭޓް ހޭންޑްލް ކުރާ ސްޕެޝަލިސްޓަކު ހުށަހަޅާ ތަފްސީލީ މެޑިކަލް ރިޕޯޓަށް ބިނާކޮށެވެ. އަދި މިކަމުގެ ފައިނަލް އެސެސްމަންޓް ހަދާނީ އިންޑިއަން އެއާފޯސްގެ ޑޮކްޓަރުންނާ އެކު ކޮންމެ މީހެއްގެ ކޭސް ވަކިވަކިން ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.

ކޮމާޝަލް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ އެއްވެސް ޖިންސަކަށް ނުފެތޭ ޓްރާންސްޖެންޑަރު ކެންޑިޑޭޓުންގެ ފިޓްނަސް ދެނެގަތުމަށް ވަކި ޓެސްޓެއް ހަދާކަށް ބުނެފައެއް ނުވެއެވެ.