އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާއަށް އެދުންތައް ފޮނުއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އިންޑިއާއާއި އެމެރިކާއަކީ އެކަކު އަނެކަކަށް ކޮންމެހެން ބޭނުންވާ ދެ ބައިވެރިން ކަމަށާއި ދުނިޔޭގެ ހަމައާއި އުސޫލަށް ބިނާކޮށްފައިވާ ނިޒާމު ދިފާއުކޮށް، މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް ސަރަހައްދަކަށް ވަކާލާތު ކުރާ ދެގައުމު ކަމަށެވެ.

ބައިޑެން ފޮނުއްވި މެސެޖުގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިންޑިއާ މީހުންނާއެކު ހަތަރު މިލިއަން އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހުންނާއެކު އިންޑިއާގެ 75 އަހަރުގެ މިނިވަންކަން ފާހަގަ ކުރުމުގައި އިންޑިއާގެ ޑިމޮކްރެސީގެ ޝަރަފަށްޓަކައިއާއި މަހާތުމާ ގާނދީގެ ސުލްހަވެރި މެސެޖުން އިބުރަށް ހޯދައިގެން އެމެރިކާއިން ބައިވެރިވާ ކަމަށެވެ.

މިއަހަރަކީ އިންޑިއާއާއި އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ފުރޭ މުނާސަބާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ބައިޑަން އިތުރަށް ވިދާޅުވީ އިންޑިއާއާއި އެމެރިކާގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް ބިނާވެފައިވަނީ ގާނޫނީ ވެރިކަމާއި އިންސާނީ މިނިވަންކަމާއި ކަރާމާތް ކުރިއެރުވުމަށް ދެގައުމުން ހިއްސާކުރާ ވައުދުތަކުގެ މައްޗަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ވެސް ވަނީ މި މުނާސަބަތުގައި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ޔަޤީން، ބޮޑު ދެ ޑިމޮކްރަސީގެ ގޮތުގައި، އަޅުގަނޑުމެންގެ ދެ ގައުމުގެ ޕާޓްނަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތާއި ތަނަވަސްކަމާއި ދުނިޔޭގެ ހެވާއި ލާބައަށް ފައިދާތަކެއް ލިބިގެންދާނެ. މިނިވަން ދުވަހުގެ ތަހުނިޔާ، އިންޑިއާ!" ބްލިންކެންގެ މެސެޖުގައި ވިދާޅުވިއެވެ.