މިއަހަރު އޯލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ލިބުނީ ފާއިތުވި ހަފުތާގައެވެ. ނަތީޖާ ލިބުމާއެކު ބެލެނިވެރީންގެ ޝަކުވާއަކަށްވީ އޯލެވެލްގެ ނަތީޖާ ރަނގަޅުކަމަށް ދައްކާއިރުވެސް އެސްއެސްސީ ދިވެހި، އިސްލާމް މި ދެމާއްދާއިން ލިބުނު ނަތީޖާ ރަނގަޅު ނުވާތީއެވެ.

މި ޝަކުވާތައް ބެލެނިވެރިން މީސް މީޑިއާގެ އެކި މަންސަ ތަކުގައި ހިއްސާކުރަމުންދަނީ އެމީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބިގެނެވެ.

ފޭސްބުކްގައި ބެލެނިވެރިއަކު ހިއްސާކޮށްފައިވާ ލިޔުމެއްގައިވަނީ ސްކޫލުން ނެގި މޮކް އެގްޒާމުގައިވެސް އިސްލާމާއި ދިވެހީން ރަންގަޅު ނަތީޖާ ލިބިފައިވާ އިރު އެސްއެސްސީ އިމްތިޙާނުން މިހާ ދައްވާންވީ ސަބަބެއް ނޭނގުނުކަމަށެވެ. އަދި އޭނާ އިތުރަށް ސުވާލުކޮށްފައިވަނީ އެސްއެސްސީ އިމްތިހާނު ސުވާލުތައް ތައްޔާރުކޮށްފައިވަނީ ސްކޫލުގައި ކިޔަވައިދޭ ބައިތަކުން ނޫންތޯއެވެ؟

އޯލެވެލްގެ ނަތީޖާ ލިބުނު އިރު ގިނަ މާއްދާތަކުން އޭއާއި އޭ ސްޓާ ލިބުނު ބައެއް ކުދީންނަށް ދިވެހި، އިސްލާމުން ލިބުނީ ބީ ކަމަށް ބައެއް މީހުން ހިއްސާކުރި ލިޔުންތަކުގައި ވެއެވެ. މިއީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ދިވެހި، އިސްލާމަކީ އަޅުގަނޑުމެންގެ މާދަރީބަހުން ކިޔަވައިދޭ ހަމައެކަނި ދެމާއްދާއެވެ. އެހެންކަމުން މާދަރީބަހަށް ދަރިވަރުންއަހުލުވެރިވެ ލޯބި ޖެހިގެންނޫނީ މި ދެމާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދޭކަން ނެތެވެ.

ވީމާ މިއަދު މިވަނީ މާދަރީބަހަށް ކުދީން މޮޅުކުރުމަށްޓަކައި ބެލެނިވެރީންވެސް އަދި ސްކޫލުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.