ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ތިން ރަށެއްގައި މިމަހު ފަށާނޭ ކަމަށް އެގްރޯނެޓުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމް ހިންގައި ދިނުމަށް އެދި ފަސް ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭ ގެތެރެއިން މިމަހު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ތިން ރަށަކީ އެއްބަސްވުންތައް ހަދައި ނިމިފައިވާ ތިންރަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ބިން ބޮޑެތި ރަށްރަށުގައެވެ. އެމަސައްކަތް ކުރާގޮތަކީ އެފަދަ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ބިން ހޯދައި އެތަން މިފަދަ ޕްރޮގްރާމް ހިންގާ ގޮތަށް ތަރައްގީކޮށްގެންނެވެ. އެކަން އެގޮތަށް ކުރައްވަނީ އެގްރޯނެޓުންނެވެ. މިގޮތަށް ތައްޔާރުކުރާ ތަންތަނުގައި ވާޓިކަލް ފާމިންއާއި، އިރިގޭޝަން ސިސްޓަމް ހިމެނެއެވެ.

މިކަމަށް އެގްރޯނެޓުން ވަނީ 5 ރަށެއް ހޮވާފައެވެ. އެއީ އެއީ ލ. އިސްދޫ، ނ. މަނަދޫ، ނ. މާފަރު، އއ. ތޮއްޑޫ އަދި މ. ކޮޅުފުށްޓެވެ.

"މި ކޮންސެޕްޓްގެ ތެރެއިން ދަނޑުވެރިޔާ އެއްވެސް އެއްޗެއް ޕޭކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން މުޅި ސެޓަޕް ގާއިމްކުރުމަށްފަހުގައި އެތަނުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނީ،" އޭނާ ވިދާޅުވެފައިވެއެވެ.

ކޮމިއުނިޓީ ފާމިންގައި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރާދަނޑުވެރިންނަށް މަހެއްގެ މައްޗަށް 10،000 އާއި 15،000 އާއި ދެމެދުގެ އާމްދަނީއެއް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސާނެކަމަށް ވެސް ހާރޫން ވިދާޅުވެފައި ވެއެވެ.