މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާ ގޮތަކަށް ހަމަޖެހިފައިވާ ކަމަށް އެމްސިީއެސް އިން ވިދާޅުވެފައިވެއެވެ.

ބޮޑީވޯރން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. އޭގެ އިތުރުން ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުޤީޤުކުރަންޖެހޭ ޙާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުޤީޤުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިންގ އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ދިވެހިރާއްޖޭގެ ޑިސްޓްރިބިއުޓަރ ޒެޓާ ޓެކްނޮލޮޖީސްއާއެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ. މުސްތަޤްބަލްގައި މި ކެމެރާތައް ދާއިމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.