މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ ދެކޮޅަށް ބަޔަކު ހިންގި ޢަމަލުތައް ބެލުމަށް އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭގޮތުން އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނުއްވާފައިވެއެވެ. މިގޮތުން ކޮމެޓީން ކުރެއްވި ދިރާސާއާ ގުޅިގެން އެކުލަވައިލެއްވި ރިޕޯޓުގައި، 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައިވެއެވެ. މިގޮތުން ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.

- ޚަބަރާއި ފޮޓޯ ރައީސް އޮފީސް