ނައިޖީރިއާގައި ދަނޑުވެރިންތަކަކާ ދެކޮޅަށް ވަރަށްބޮޑު ގަތުލުއާންމެއް ހިންގައިފިއެވެ.

މި ގަތުލުއާންމު ހިންގާފައިވަނީ ނައިޖީރިއާގެ ބޯރނޯ ސްޓޭޓްގެ ކަޝޯބޭ އަވަށުގައެވެ.

އދއިން ފުރަތަމަ ބުނެފައިވަނީ، މި ގަތުލުއާންމުގައި މަރާލާފައިވަނީ 43 މީހުން ކަމަށެވެ. އެ އަދަދު ފަހުން 70 އަށް އިތުރުވެ އަދި އޭގެފަހުން 110 އަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ކަޝޯބޭ އަވަށުގެ ދަނޑެއްގައި ދަނޑުހައްދަން ތިބި ފިރިހެން އަދި އަންހެން ދަނޑުވެރިންނަށް ވަރަށް އަނިޔާވެރި ގޮތެއްގައި ހަމަލާދީ މަރާލުމުގައި ބައިވެރިވެފައިވަނީ އެމީހުން ތިބި ދަނޑުތަކަށް ސައިކަލްތަކެއްގައި ދިޔަ ހަތިޔާރުއެޅި ބައެއްކަމަށް، ނައިޖީރިއާގައި ހުންނަ އދގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރ އެޑްވަޑް ކަލޯން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގިނަ ދަނޑުވެރިން މަރާލާފައިވަނީ ބޯ ބުރިކޮށްލައިގެންނެވެ.

110 ދަނޑުވެރިން އަނިޔާވެރި ގޮތެއްގައި މަރާލާފައިވާއިރު، މި ހަމަލާގައި އިތުރު އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް އދގެ ކޯޑިނޭޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ މިއަހަރުގެ ތެރޭގައި ނައިޖީރިއާގައި އާންމުންނަށް ދެވުނު އެންމެ އަނިޔާވެރި، ލާއިންސާނީ ހަމަލާ ކަމަށެވެ.

މިކަންކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޟިރު ކުރުމަށްވެސް އެޑްވަޑް ގޮވާލައްވާފައި ވެއެވެ.

ދަނޑުވެރިންނަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އެހެން ނަމަވެސް، ބޯރނޯ ސްޓޭޓުގައި މީގެކުރިން މިފަދަ އަނިޔާވެރި ހަމަލާތައް ދީފައިވަނީ، ބޯކޯ ހަރާމް ޖަމާއަތާއި، އެޖަމާއަތާ ގުޅިފައިވަނީ އިސްލާމިކް ސްޓޭޓް އިން ވެސްޓް އެފްރިކާ ޕްރޮވިންސުގެ ހަނގުރާމަވެރިންނެވެ.

ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މި ޖަމާއަތްތަކުން ދިން ޓެރަރިސްޓް ހަމަލާތަކުގައި 30،000 އަށްވުރެ ގިނަމީހުން މަރާލާފައި ވެއެވެ.

މި ޖަމާއަތްތަކުން ނައިޖީރިއާގައި ދެމުންގެންދާ ހަމަލާތަކާހެދި 2 މިލިއަނަށްވުރެ ގިނަމީހުން ގެދޮރާއި ވަޒަންދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ނައިޖަރު، ޗާޑް އަދި ކެމަރޫންގައި ދިރިއުޅެމުން ގެންދެއެވެ.