އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ޗެލްސީއިން އެކްލަބުގެ ކޯޗް ޖަރުމަނުގެ ތޯމަސް ޓުޗެލް ދާދި ދެންމެ މަގާމުން ވަކިކޮށްފިއެވެ.

ޓުޗެލް މަގާމުން ވަކިކޮށްފައި މިވަނީ، މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި ކްރޭޝިޔާގެ ޑައިނަމޯ ޒެގްރެބް އަތުން 1-0 އިން ބަލިވިތާ 24 ގަޑިއިރު ނުވެ އުޅެނިކޮށެވެ.

ޗެލްސީން އެކްލަބުގެ ކޯޗްކަމުގެ މަގާމް ޓުޗެލްއާ ހަވާލު ކުރީ އެކްލަބުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ވަކިކޮށް 26 ޖެނުއަރީ 2021 ގައި 18 މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ފުރަތަމަ ސީޒަނުގައި ވަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ޓުޗެލް ވަނީ ޗެލްސީއަށް ޔުއެފާ ސްޕަރ ކަޕާއި ކްލަބު ވޯލްޑްވެސް ކާމިޔާބު ކޮށްދީފައެވެ.

ޗެލްސީގެ ކޯޗް ކަމުގެ މަގާމަށް ޓުޗެލް ގެނައީ އޭރުގެ އެކްލަބުގެ ވެރިޔާ، ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗެވެ. އެކަމަކު މިއަހަރު ކުރީކޮޅު ރަޝިޔާއިން ޔޫކްރައިންްއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް ކްލަބު ވިއްކާލުމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވުމުން އޭނާ ކްލަބު ވިއްކާލީއެވެ. އަބްރަމޮވިޗް ޗެލްސީ ވިއްކާލުމުން ކްލަބު ގަތީ އެމެރިކާގެ މަހުޖަނު ޓޮޑް ބޮހްލީއެވެ.