އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފެރީ ބަނުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މިކަމަށްޓަކައި މިއަދު މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ޢަބްދުالله ޙުސައިން މުޙައްމަދު އަލްޝާލީއެވެ.

ފެރީތައް ބަނުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ އެމްޓީސީސީ

މި އެއްބަސްވުމުގެ ދަށުން، 65 ފެރީއެއް ބަންނާނެއެވެ. އެއީ ސްޕީޑް ފެރީތަކެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަލްޝާލީ މެރިންއަކީ މިފަންނުގައި ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ތަޖުރިބާކާރު އެއް ކުންފުނި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

"ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަޤްސަދަކީ ރައްޔިތުންގެ އިތުބާރުއޮތް ކަނޑާއި އެއްގަމު ދަތުރުފަތުރު ގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ."
އެމްޓީސީސީ

މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އުޅަނދުތަކެކެވެ. މި ފޭރިތައް ހުންނާނީ އެއަރ ކޮންޑިޝަން ވެސް ކޮށްފައެވެ. މި ފެރީތައް ފަރުމާކުރެވިފައިވާނީ ދަތުރުވެރިންނަށް އެންމެ ހިތް ފަސޭހަކޮށް ދަތުރު ކުރެވޭނެ ގޮތަށެވެ. އާރްޓީއެލް ފެރީތަކަކީ ހިތްފަސޭހަވުމުގެ އިތުރުން، ޖީބަށް ލުއި، އެ ޚިދުމަތަކަށް ރައްޔިތުންނަށް ބަރޯސާވެވޭނެ ޝެޑިއުލެއް ކަނޑައެޅިފައިވާ ޚިދުމަތެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ފާޚާނާއާއި، ރޭމްޕަކާއި، ސްޓްރެޗަރ އާއި ފުރޮޅުލީ ގޮނޑި ބަހައްޓާނެ ޖާގަ މި ފެރީތަކުގައި ހުންނާނެއެވެ.

ފެރީތައް ބަނުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ އެމްޓީސީސީ

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ 1 ވަނަ ފިޔަވަހީގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށަައިފައެވެ. މި މަޝްރޫޢުގެ 2 އަދި 3 ވަނަ ފިޔަވަހީގައި ހިމެނޭ 17 އަތޮޅަށް ޚި ދުމަތް ދޭން ފެށުމާއިއެކު މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ.

މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ޚިދުމަތެއް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.