މުޒާހަރާކުރާ ދަނޑުވެރިންނަށް ދޫދެއްވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެކޮޅު ހައްދަވައިފިއެވެ.

އިންޑިއާގެ ޕާލަމެންޓުގައި މޯދީ ތަމްސީލުކުރައްވާ އަދި މޯދީގެ އުފަން ދާއިރާ ކަމަށްވާ ވަރަނާސީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދަނޑުވެރިކަމުގެ އައު ގާނޫނާކީ ދަނޑުވެރިންގެ ލާބައާއި މަންފާއަށް ހެދި ގާނޫނެއް ކަމަށެވެ.

އެ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ކުރާނެ މަންފާއާ ތަޖުރިބާ ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދަނޑުވެރިންގެ މުސްތަގްބަލާމެދު ދޮގު ވާހަކަ ދައްކައި، ދަނޑުވެރިންނަށް ނުބައި މައުލޫމާތުދީ، އޮޅުވާލައިގެން މުޒާހަރާއަށް ނެރެގެން އުޅެނީ އިދިކޮޅު ޕާޓީން ކަމަށެވެ.

މުޒާހަރާ ކުރަމުންދާ ދަނޑުވެރިންނަކީ، އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ ޕަންޖާބް ސްޓޭޓުގެ ދަނޑުވެރިންނެވެ.

ޕަންޖާބުން ނުކުތް އެތައްހާސް ދަނޑުވެރިން މިހާރު ތިބީ، ފައިމަގުގައާއި، ޓްރަކާއި އެނޫންވެސް ވެހިކަލްތަކުގައި ގޮސް، ވެރިރަށް ނިއުދިއްލީގެ ރަށްބޭރުގައި ކޭމްޕް ޖަހައިގެންނެވެ. އެމީހުން އެހިސާބަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއީ، މިފަހުގެ ތާރީޚެއްގައި އިންޑިއާގައި މިހާ ގިނަ ދަނޑުވެރިން މުޒާހަރާއަށް ނުކުތް ފުރަތަމަ ފަހަރެވެ.

އެމީހުންގެ އެއް ޑިމާންޑަކީ، ވެރިރަށް ނިއުދިއްލީގެ މެދުތެރޭގެ ކޮންމެވެސް ބޮޑު މައިދާނެއްގައި އަޑުއުފުލަން ތިބުމުގެ ހުއްދަ ދިނުމެވެ.

އަނެއް ޑިމާންޑަކީ، ސަރުކާރުން ސެޕްޓެމްބަރުމަހު ފާސްކުރި ގާނޫނު ބާތިލްކުރުމެވެ.

އައު ގާނޫނަކީ ދަނޑުވެރިންނަށް މަންފާކުރާނެ ގާނޫނެއް ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވި ނަމަވެސް ދަނޑުވެރިން ބުނަނީ އެމީހުން ހައްދާ އެތިކޮޅު ކުރިން ސްޓޭޓްތަކަށް ވިއްކުނު ނަމަވެސް، ދެން އެތަކެތި ވިއްކޭނީ ކުންފުނިތަކަށް، ކުންފުނިތަކުން ބުނާ އަގަކަށް ކަމަށެވެ.

ހަމަ އެއާއެކު، މި ގާނޫނުގެ ސަބަބުން އާދައިގެ ދަނޑުވެރިންނަށް، އެމީހުން އުފައްދާތަކެތި ވިއްކުމުގެ ދޮރު ބަންދުވެގެންދާ ކަމަށްވެސް ބުނަމުން ގެންދެއެވެ.

ދަނޑުވެރިންގެ ކަންބޮޑުވުންތަކުގެ މައްސަލައަކީ އިންޑިއާގައި އަބަދުވެސް ބޮޑު ސިޔާސީ މައްސަލައެކެވެ.

އެހެންވެ، މުޒާހަރާކުރާ ދަނޑުވެރިން ހުއްޓުވޭތޯ މޯދީގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ފުލުހުން ނެރެގެން ބާރުގެ ބޭނުންކޮށްގެން ދަނޑުވެރިން ނިއުދިއްލީއާ ހަމައަށް އަޔަނުދީ ހުއްޓުވުމަށެވެ.

ބްރިޖެއްގެ ހުރަސްކުރުމާ ދިމާކޮށް ދަނޑުވެރިންގެ ގަޔަށް ކަރުނަގޭސް ޖަހައި، ޕްރެޝަރުގައި ފެންޖެހި ނަމަވެސް، ބްރިޖް މަތީގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކަށްފަހު ފުލުހުންނަށް ޖެހުނީ ފަހަތަށް ޖެހޭށެވެ.

އެހެންކަމުން، ދަނޑުވެރިން ހުއްޓުވުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން ސަރުކާރުން ދެން ހުށަހެޅީ ވާހަކަ ދެއްކުމަށެވެ. އެކަމަށް ސަރުކާރުން ޝަރުތުތަކެއް ކަނޑައެޅުމުން ދަނޑުވެރިންވަނީ އެ ހުށަހެޅުން ގަބޫލުނުކޮށްފައެވެ.

ޕަންޖާބުން ދަނޑުވެރިން ނިއުދިއްލީއާ ދިމާއަށް މިސްރާބުޖެހީ، ކާބޯތަކެއްޗާއި، ކައްކާނޭ ތެއްޔާއި އެނޫންވެސް ސާމާނާއި، ނިދާނޭ ރަޖާފަދަ ތަކެތި ވެހިކަލްތަކަށް އަރުވައިގެންނެވެ. އެމީހުން މިހާރު ކައްކާ ކައިބޮއި ހަދަނީ ކޭމްޕް ޖަހައިގެންތިބި ތަނުގައެވެ.

މުޒާހަރާ ކުރާ މީހުންތިބީ، ގިނަ ދުވަސްތަކެއް ވަންދެން އެކަމުގައި ތިބެން ތައްޔާރުވެގެން ކަމަށް މުރާސިލުން ބުނެއެވެ.

އަނެއްކޮޅުން، ހެޔޮއެދޭ ފަރާތްތަކުން ގެންދަނީ މުޒާހަރާކުރާ މީހުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި އެނޫންވެސް ސާމާނު ހަދިޔާކުރަމުންނެވެ.