އިންޑިއާއަށް ލިބުނު ފޮރިން އިންވެސްޓް އިތުރު ވެއްޖެއެވެ. އެޕްރީލްއިން ސެޕްޓެމްބަރަށް ނިމުނު ކުއާރޓާގައި އިންޑިއާއަށް 30 ބިލިއަން އެމެރިކާ ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު، 15 ޕަސެންޓްގެ އިތުރު ވުމެއްކަމަށް ލަފާކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ އެ ފައްތަރުގައި ލިބިފައި ވަނީ 26 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓްތަކެވެ.

އިންޑިއާގެ ޑިޕާޓްމަންޓް އޮފް ޕްރޮމޯޝަން އޮފް އިންޑަސްޓްރީ އެންޑް އިންޓަރނަލް ޓްރޭޑުން ބުނާ ގޮތުގައި ގިނަ އިންވެސްޓްމެންޓްތައް އައިސްފައި ވަނީ މޮރީޝިއަސްއާއި ސިންގަޕޯރއިންނެވެ. މޮރީޝިއަސް އިން އައިސްފައިވަނީ 29 އިންސއްތައެވެ. އަދި ސިންގަޕޯރއިން 21 އިންސައްތައެވެ. އެއަށްފަހު ޔޫއެސްއާއި ނެދަރލެންޑާއި ޖަޕާނެވެ. މިއިން ކޮންމެ ގައުމަކުން 7 ޕަސެންޓެވެ.

އިންޑިއާއަށް މިލިބުނު ފޮރިން އިންވެސްޓްމެންޓް ދާއިރާތަކަށް ބަލާލާއިރު އެންމެ ގިނައިން ފޮރިން އިންވެސްޓްމެންޓް ލިބިފައިވަނީ ސަރވިސް ސެކްޓަރއަށެވެ. ބޭންކިންގއައި އިންޝޫރެންސާއި މާލީ ދާއިރާއަށް 17 ޕަސެންޓްގެ އިންވެސްޓްމެންޓް ލިބިފައި ވެއެވެ. ކޮމްޕިއުޓާ ސޮފްޓްވެއަރ އާއި ހާރޑްވެއަރގެ ދާއިރާއަށް ލިބުނީ 12 ޕަސެންޓްގެ ފޮރިން އިންވެސްޓްމެންޓެވެ. ޓެލްކޮމިއުނިކޭޝަނަށް އެންމެ 7 ޕަސެންޓްގެ އިންވެސްމެންޓެވެ.

ސްޓޭޓް ތަކުގެ ނިސްބަތުން އެންމެ ގިނައިން ފޮރިން އިންވެސްޓްމެންޓްތައް ލިބިފައި ވަނީ 35 އިންސައްތަ ލިބުނު ގުޖުރާތަށެވެ. ދެވަނައަށް 20 އިންސައްތަ ލިބުނު މަހާރާޝްޓްރާއެވެ. ތިން ވަނައަށް ކަރްނާޓަކާއެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޮދީއަކީ ގުޖުރާތުގެ ބޭފުޅެކެވެ. އަދި އޭނާ ޗީފް މިނިސްޓަރއަކަށްވެސް ހުންނެވީ ގުޖުރާތުގައެވެ.