ކޮވިޑް-19 މެނޭޖްކޮށް، އިޤްތިޞާދީ ޙާލަތު ކުރިއެކޭ އެއްހަމަޔަކަށް އިޢާދަކުރުމުން ރާއްޖެ ވަނީ އެހެން ޤައުމުތަކަށް ނަމޫނާ ޤައުމަކަށް ވެފައި ކަމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ރައީސާ ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަޙައްދީ ބައިވެރިޔާކަމުގައެވެ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިޒިޔާރަތް ކުރައްވާފައިވަނީ މިއަދު މެންދުރުކުރީގައި ކަަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ފަހުގެ އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން އުފަލާއިއެކު ފާހަގަކުރައްވާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.