އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްްޖެއެވެ. އެ މަނިކުފާނު މިއަދު ވިދާޅުވީ ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިކެމްޕޭނުގެ ތެރެއިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެމަނިކުފާނު ވިދާޅުވީ ސައިބަރ ސޭފް މޯލްޑިވްސް، ޤައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާއިއެކު އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމަށެވެ.

އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތަކަކީ އެއާއި ނުލައި މިއަދު ދިރިއުޅެވެން ނެތް އެއްޗެއްކަމަށާއި އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19ގެ ޙާލަތުގައި ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް އެމަނިކުފާނު މިއަދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ 'އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމަރސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.