2024 ގައި އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް މިކަމަށް އިޝާރާތް ކުރެއްވީ، ވައިޓްހައުސްގައި ބޭއްވި ކްރިސްމަސް ޕާޓީއެއްގައި ބައިވެރިވި އެތައްބަޔަކާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރަމްޕް ބޭއްވި ޕާޓީގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އެންމެ އިސް މަޖިލިސް ކަމަށްވާ ނޭޝަނަލް ކޮމިޓީގެ މެމްބަރުންވެސް ތިއްބެވިއެވެ.

މިހާރު ހިނގަމުންދާ ވެރިކަމުގެ ދައުރަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ފާއިތުވެ މިދާ 4 އަހަރަކީ ވަރަށް ކާމިޔާބު ހަތަރު އަހަރު ކަމަށެވެ. އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިތުރު 4 އަހަރަކަށް ދިއުމަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެކަން ނުވެއްޖެނަމަ އަދި 4 އަހަރު ފަހުން ބައްދަލު ކުރައްވާނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ވައިޓްހައުސްގައި ބޭއްވި ކްރިސްމަސް ޕާޓީ، އެތާނގައި ހުންނެވި ރިޕަބްލިކަން ޕާޓީގެ އޮކްލަހޯމާގެ ކުރީގެ ވެރިޔާ ޕޭމް ޕޮލާޑްވަނީ ފޭސްބުކުން ސްޓްރީމް ލައިވްކޮށްފައެވެ.

ކްރިސްމަސް ޕާޓީ ބާއްވާފައިވަނީ ވައިޓްހައުސްގެ ކްރޮސް ހޯލުގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެތާނގައި އެތައްބަޔަކު ތޮއްޖެހިގެން ތިބެއެވެ. ގިނަމީހުން ތިބީ މާސްކްވެސް ނާޅައެވެ.

ޕާޓީ ބާއްވާފައިވަނީ އިންޑޯ ހޯލެއްގައި ކަމަށްވެފައި، އިންޑޯގައި ބާއްވާ ހަފްލާތަކުގައި އެންމެން މާސްކްއަޅަން އެމެރިކާގެ ސިއްހީ އިދާރާތަކުން އާންމުންނަށް އަންގައި ގައިޑްލައިންތައް ނެރެފައިވާއިރު، ވައިޓްހައުސްގައި ގައިޑްލައިނާ ޚިލާފަށް އަމަލުކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެފައި ވެއެވެ.

ނުވިތާކަށް، އިންތިޚާބުގައި މަކަރާއި ހީލަތްހަދައި އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އަޑުވެސް ވީޑިއޯއިން އިވޭ ކަމަށް، އެމެރިކާގެ މީޑިއާއިން ބުނެއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވިއިރު، ޓްރަމްޕްގެ އެޓަރނީ ޖެނެރަލް ވިލިއަމް ބާރ އިހަށްދުވަހު ވިދާޅުވެފައިވަނީ، ވޯޓުގައި އޮޅުވާލުންތައް ހިމެނޭކަމުގެ އެއްވެސް ހެއްކެއް ޖަސްޓިސް ޑިޕާޓްމަންޓަށް ހޯދިފައި ނުވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު ގެނެވޭނެ އެއްވެސް ކަމެއްވެސް ފެނިފައި ނުވާކަމަށް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސްކަމުން އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ވަކިވެވަޑައިގަންނަވާތީ، އޭނާ ގެންދަވަނީ ވައިޓްހައުސްގައި ތަފާތު ނަން ނަމުގައި ޕާޓީތަކާއި، ރިސެޕްޝަންތައް ބާއްވަމުންނެވެ.

ވައިޓްހައުސްގައި މީގެކުރިން ބޭއްވި މިފަދަ ހަފްލާއަކަށްދިޔަ އެތައްބަޔަކު ޕޮޒިޓިވްވެގެން އެމައްސަލަ ބޮޑުވެފައި އޮތްއިރު، އެފަހަރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޓްރަމްޕްގެ މުޝީރުންނާއި، ކެމްޕެއިން ސްޓާފުންނާއި ޓްރަމްޕްގް އަރިސް އެތައް ބޭފުޅުންވެސް ހިމެނެއެވެ.