މަސައްކަތުގެ ޢަމަލީ މައިދާނުގައި، ތަފާތު ޙާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް މަންޒިލަށް ވާޞިލް ވުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި އަބަދުވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާ އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ ކަންކަން ބަލައި ހޯދައި، ޢިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް، ދަސްވެނީންވާންޖެހޭ ކަމަށެވެ.

މިޖަލްސާގައި އެކަމަނާ ވިދާޅުވީ ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތައް ހުންނާނޭ ކަމަށެވެ. އަދި ދިރިދުނިޔޭގައި ހުރިހައި ދުވަހަކު ޢިލްމު އުނގެނުމަކީ މުހިއްމުކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޑިގްރީއިން، މާސްޓަރސްއިން ނުވަތަ ޕީއެޗްޑީއިން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މަޢުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ހާސިލްކުރެވުނު ޢިލްމަކީ، ޙަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މަޢުލޫމާތު ހޯދައި، ހުނަރުތައް ދަސްކުރުމަށް، ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލަރސް އިން ޝަރީޢާ އިން ލޯ އޮނަރސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ޤައުމީ ޔުނިވަސިޓީންދޭ ޝަރަފްގެ އެވޯޑާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މި ޙަފްލާގައި ބެޗްލަރސް އާއި މާސްޓަރސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ ސަނަދުތައް ޙަވާލުކޮށްދެއްވާފައެވެ.