ވޫހާނުން ކޮވިޑް19 އުފެދިގެން އައިނަމަވެސް މި ވައިރަސް މިހާރު ޗައިނާއިން ބޭނުންކުރަނީ އެހެން ގައުމުތަކާ ދެކޮޅަށް އަގު ވައްޓާލުމުގެ ހަތިޔާރެއްގެ ގޮތުގައެވެ. ޗައިނާ ނުރުހޭ ގައުމުތަކުން ޗައިނާއަށް ފޮނުވާ ފިނިކިރު ކާނާގެ ތެރޭން ޗައިނާއަށް ކޮރޯނާ ވައިރަސް ފެންނަމުން ދެއެވެ.

މިހާތަނަށް ވިހި ގައުމަކުން ފޮނުވާފައިވާ ފިނިކުރި ކާބޯތަކެތީގެ ތެރޭން ވައިރަސް ފެނިފައިވާ ކަމަށް ބެއިޖިންގ އިން ބުނެފައި ވެއެވެ. އޭގެތެރޭގައި ޖަރުމަން ގެ ޕޯކްއާއި އާރޖެންޓީނާގެ ބީފްއާއި އިންޑިއާގެ ކަނޑުމަސް ހިމެނެއެވެ.

ބޭރު ގައުމުތަކުން ބުނާ ގޮތުގައި ޗައިނާއިން މި ގޮތަށް ވާހަކަ ފެތުރިކަމުގައި ވީނަމަވެސް ޗައިނާއިން މިކަމަށް ހެއްކެއް ނުދައްކައެވެ. މީގެ ސަބަބުން ގައުމުތަކަށް ހުތުރ ނަން ލިބި ވިޔަފާރިއަށް ގެންލުންވާކަމަށް ބުނެއެވެ.

ނޮވެމްބަރު 5އާއި 6 ގައި އޮތް ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ބައްދަލުވުމުގައި ކެނެޑާއިން ބުނެފައިވަނީ ޗައިނާއިން ހިންގާ ކާބޯތަކެތީގެ ޓެސްޓްތަކަކާއި އަދި އެއާ ގުޅިގެން އެތަކެތި އެތެރެ ކުރުމަށް އަޅާ ހުރަސްތަކަކީ ވިޔަފާރިއަށް އަޅާ ހައްގު ނޫން ހުރަސްތަކެއް ކަމަށެވެ.

މި ބައްދަލުވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ބްރަޒީލާއި އޮސްޓްރޭލިއާއާއި މެކްސިކޯ އަދި ކެނެޑާއިން ބުނެފައިވަނީ ޗައިނާއިން މިދައްކާ ވާހަކަތަކަށް ހެއްކެއް ނުދެއްކޭކަމަށެވެ.

ނޮވެމްބަރު 17 ގައި އެމެރިކާއިން ޑަބްލިޔުޓީއޯގައި އަދި ޗައިނާގައިވެސް އެދިފައި ވަނީ މިގޮތަށް ކުރާ ސްކްރީނިންގައި ސައިންޓިފިކް ހަމަތައް ބޭނުން ކުރާށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ބުނާ ގޮތުގައި ކާނާ ނުވަތަ އޭގެ ޕެކިންގއަކީ ވައިރަސް އުފުލާ އެއްޗެއް ކަން އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޗައިނާއިން ބުނަނީ މިއން އިންސާނާއަށް ވައިރަސް އަރާނެ ކަމަށެވެ.

ޗައިނާއިން ނިއުޒިލެންޑްގެ ބީފްއިން ވައިރަސް ފެނުނުކަމަށް ބުނުމުން ބޮޑު ވަޒީރު ޖެސިންޑާ އަރޑެން ވަނީ ޗައިނާގެ ވާހަކަތަކުގެ ސައްހަ ކަމާ މެދު ސުއާލު އުފައްދަވާފައެވެ.

އޮގަސްޓް މަހު ޗައިނާއަށް އެތެރެކުރި ބްރަޒިލްގެ ކުކުޅު މަހުގައި ވައިރަސް ހުރިކަމަށް ރިޕޯޓް ކުރުމުން ޗައިނާއަށް ދިޔަ ބްރަޒީލް މަސްއޫލުވެރިންނަށް ޗައިނާއިން އެކަން ސާބިތު ކޮށެއް ނުދެވުނެވެ.