އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ފޯވާޑް މާކަސް ރަޝްފޯޑް ކާމިޔާބު ކުރި ހަމައެކަނި ލަނޑުން 1-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު ބޮޑު ކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑްޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ރަޝްފޯޑް ލަނޑު ޖެހީ 38 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން އޭރިޔާގެ ތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ރަޝްފޯޑް، މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ. އަދި މިއީ 2009 ވަނަ އަހަރު ފޯވާޑް ވޭން ރޫނީ ޔުނައިޓެޑަށް 100 ލަނޑު ކާމިޔާބު ކޮށްދިންފަހުން ކުޅުންތެރިޔަކު ޔުނައިޓެޑުގެ ޖާޒީގައި 100 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ. ރަޝްފޯޑް ވެފައި ވަނީ ޔުނައިޓެޑުގެ ޖާޒީގައި 100 ލަނޑު ޖެހި 22 ވަނަ ކުޅުންތެރިޔާ ކަމުގައެވެ.

މިމެޗަށް ނެރުނު ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރު މަގުއޭއަށް ކޯޗް ޓެންހާގް ވަނީ ފުރުސަތު ދީފައެވެ. ރަޝްފޯޑް ލަނޑު ކާމިޔާބު ކުރިނަމަވެސް މިމެޗުގައި ޔުނައިޓެޑުގެ ތަރިޔަކަށް ވެގެންދިޔައީ ވެސްޓްހޭމްގެ ގިނަ ހަމަލާތަކެއް ދިފާއު ކުރި ކީޕަރު ސްޕެއިނުގެ ޑޭވިޑް ޑެހެއާއެވެ. ކުރިއަށް އޮތް ނޮވެމްބަރު މަހު ފަށާ ގަތަރު ވޯލްޑް ކަޕުގައި ވާދަކުރާ ސްޕެއިނުގެ ޕްރިލިމިނަރީ ސްކޮޑުން ބާކީ ކޮށްފައިވާ ޑެހެއާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް މިރޭ ދިފާއު ކޮށްފައެވެ. މީގެ އިތުރުން ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންްޓީނާގެ ޑިފެންޑަރު މާޓިނޭޒް ދެއްކި ކުޅުންވެސް ފާހަގަ ކޮށްލެވެއެވެ. ބައެއް ވަގުތުތަކުގައި ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ "އާޖެންޓީނާ" ، "އާޖެންޓީނާ" އަޑުން ދަނޑުން ގުގުމާލާފައެވެ.

މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކުއެވެ. 24 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި 26 ޕޮއިންޓާއެކު 3 ވަނައިގައި އޮތް ޓޮޓެންހަމް، ޔުނައިޓެޑަށްވުރެ އިތުރަށް އެއްމެޗް ކުޅެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ތާވަލުގެ 2 ވަނައިގައި 29 ޕޮއިންޓާއެކު އޮތީ ސިޓީ އޮތްއިރު ތާވަލުގެ ކުރީގައި 31 ޕޮއިންޓާއެކު އޮތީ މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން 5-0 އިން މޮޅުވި އާސެނަލްއެވެ.