ޕާކިސްތާންގައި ޗައިނާ މީހުންނަށް އަމާޒުކޮށް ހަމަލަ ދެމުންދާތީ އަދި ވަކިން ޚާއސަކޮށް ޖާނު ގޮއްވާލުމުގެ ހަމަލަތައް ދޭތީ ޕާކިސްތާނާއި ޗައިނާއިން ގުޅިގެން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ޕާކިސްތާނު ސިއްސުވާލި މައްސަލައަކީ، އޭޕްރީލް މަހު ކަރާޗީގައި ޗައިނާގެ ތިން ޓީޗަރަކާއި އެމީހުންގެ ލޯކަލް ޑްރައިވަރާއެކު ޖާނު ގޮއްވާލުމުގެ ހަމަލައެއް ދިނުމުންނެވެ. އެ ހަމަލަ ދީފައި ވަނީ މަތީ ތައުލީމު ހާސިލްކޮށްފައިވާ ބަލޯޗު ދަރިކޮޅުގެ އަނެހެނެކެވެ.

މި ހަމަލާގެ ސަބަބުން ބެއިޖިންގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާގެ ބޮޑު ބަޔަކަށް ނުރައްކާވެ، ޗައިނާއާއި އަރަބި ކަނޑާ ގުޅުވައިދޭ، 65 ބިލިއަން ޑޮލަރުގެ ސީޕެކް ޕްރޮޖެކްޓަށް ހުރަސް އެޅުނެވެ.

ސީޕެކްއަކީ، ޕާކިސްތާނުން ޗައިނާގެ ޝިންޖިއާންގެ ވެރިރަށް ކަޝްގަރަށް އޮންނަ ހައިވޭއާއި ޕާކިސްތާންގެ އިގްތިސާދު ފުޅާކޮށް ޒަމާނީ ކުރުމަށް އެހީތެރިވެދޭނެ މަގުތަކާއި ރޭލުމަގާއި ހޮޅިތަކާއި ބަނދަރުތަކުގެ ނެޓްވޯކެއް ހިމެނޭ މެގަ ޕްރޮޖެކްޓްތަކެކެވެ.

ޕާކިސްތާނުގެ ބިން ބޮޑު، ފަގީރުން ގިނަ، ގުދުރަތީ މުއްސަނދިކަން ގިނަ ޕްރޮވިންސް ބަލޫޗިސްތާނުގެ ވަކިވެގަންނަން މަސައްކަތް ކުރާ މީހުން ވަނީ ޗައިނާ މީހުންނަށް ހަމަލަ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ކަރާޗީ ޔުނިވަސިޓީގައި ދީފައިވާ ޖާނު ގޮއްވާލުމުގެ ހަމަލާގެ ޒިންމާ ނަގާފައި ވަނީވެސް ބަލޯޗީ ހަނގުރާމަވެރިންނެވެ.

ސީސީޓީވީން ނަގާފައިވާ ފުޓެޖުތަކުން ލޯކަލް ނިއުސް ޗެނަލްތަކުގައި ދައްކާފައިވާ ހަމަލާގައި ޖާނު ގޮއްވާލީ މުއްސަނދި އާއިލާއެއްގެ ޒުވާން ތައުލީމީ މަންމައެކެވެ.

ހަމަލާ ދިންތާ މަސްތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ތިބީ މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

ޕާކިސްތާންގެ ދާޚިލީ ވުޒާރާއިން މިދިޔަ ހަފްތާގައި ރޮއިޓާސްއަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާ މީހންނަށް ހަމަލަދޭ ހަނގުރާމަވެރި ޖަމާއަތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޗައިނާ މީހުންނަށް ހަމަލަދިން ބަލޫޗް ނޭޝަނަލް އާމީ (ބީއެލްއޭ) އަކީ އާންމުކޮށް ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށްގެން ހަމަލަތައް ދނުމުގައި ދިހަވަރަކަށް އަހަރު ވެފައިވާ ޖަމާއަތެކެވެ.

ބަލޯޗީން ބުނާ ގޮތުން އެމީހުން ޗައިނާ މީހުންނަށް ހަމަލަ ދެނީ ޗައިނާއިން އެމީހުންގެ މުއްސަނދިކަން ފޭރިގަންނަ ކަމަށާއި އެމީހުންގެ ސަރަހައްދު ފަގީރު ތަނެއްގެ ގޮތުގައި ތަރައްގީއެއް ނައައިސް އޮންނާތީއެވެ.