ބަނޑުހަރުވޭތަ؟

0

 

Advertisement

ބަނޑުހަރުވުމަކީ ދިވެހިންގެ ތެރޭގައި ފެންނަ ވަރަށް އާއްމު ސިއްހީ މައްސަލައެކެވެ. މިއީ ގިނަ ފަހަރަށް އަހަރެމެންގެ ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭގޮތުން ދިމާވާ މައްސަލައެކެވެ. އެގޮތުން ފައިބަރހިމެނޭ ކާނާ މަދުވުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދުން ފެން ބުއިމާއި ، ހެލިފެލިވެ ނުވަތަ ކަސްރަތުކުރެވޭ މިންވަރު މަދުވުން ހިމެނެއެވެ. ކެފެއިން ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި ނިދި މަދު ވުމަކީ ވެސް ބަނޑުހަރުވުމަށް މަގުފަހިވާ ކަންކަމެވެ.

ބަނޑުހަރުވުމުގެ ސަބަބުން ބޮޑުކަމުދިޔުމުގައި އުނދަގޫތަކެއް ދިމާވެއެވެ. އާއްމު ސިއްހަތު ރަނގަޅު މީހަކު ނަމަ މަދުވެގެން ދުވާލަކު އެއް ފަހަރު ބޮޑުކަމުދެވުނު ކަމުގައި ވީ ނަމަވެސް ބަނޑުހަރުވުމުން ބޮޑުކަމުނުދެވި  ގިނަދުވަސްވުމާއި ބޮޑުކަމުދާއިރު ތަދުވުން އަދި ގޭސްހެދި ބަނޑުފުއްޕުން ފަދަ ކަންކަން ދިމާވެއެވެ.

ބަނޑުހަރުވުމުން ގޭގައި ކުރެވިދާނެ ބައެއް ފަރުވާ:

  1. ލުނބޯފެން: ލުނބޮލުގައި ހިމެނޭ އެސިޑްގެ ސަބަބުން ގޮހޮރުގެ އެތެރެ ފަށަލާގައި ހަރުލާފައިހުންނަ ހަޖަމުނުވާ ތަކެތި ގޮހޮރުން ބޭރުކޮށްލުމަށް އެހީވެދެއެވެ.

 

1 ތަށި ތާފަނާ ފެން (150ml)

½ ލުނބޯ ހުތް

ތައްޔާރުކޮށް ބޭނުންކުރާނެގޮތް:

1 ތަށި ތާފަނާ ފެނުގެ ތެރެއަށް ½ ލުނބޯހުތް އަޅާ ގިރާލާށެވެ. ދެން ރޭގަނޑު ނިދުމުގެ ކުރިން ބޮއިލާށެވެ. އަދި ހަމަ މިގޮތަށް ހެނދުނު ހޭލައިގެން ހައިބަނޑާހުރެ ލުނބޯހުފެންތަށްޓެއް ބޮއިލާށެވެ. މިގޮތަށް ދުވާލަކު ދެފަހަރު ބޯނަމަ، ބޮޑުކަމުދާން ފަސޭހަވެއެވެ.

  1. މާމުއިފެން: މާމުޔަކީ ބޮޑުކަމުދިއުން ފަސޭހަކުރުމަށް ޒަމާނުއްސުރެ ބޭނުންކުރާ އެއްޗެކެވެ. މާމުޔަކީ ހަރުވެފައިހުންނަ ނަޖިސްމަޑުކޮށްދީ ،ގޮހޮރުގައި އުފައްދާ މިއުކަސް (އޮލަކޮށް ހުންނަ މާއްދާއެއް) އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. މިއުކަސް އަކީ ހަރުވެގިނަ ދުވަސްވެފައި ހުންނަ ނަޖިސް ނުވަތަ ބޮޑުކަމުދާ އެއްޗިހި ގޮހޮރުން ބޭރުކޮށްދިނުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. އަދި މާމުޔަކީ އޭގައި ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވުމުގެ ސަބަބުން، ގޮހޮރުގެ ބާރުގަދަކޮށްދީ، ގޮހޮރަށްލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމަށްވެސް މުހިންމު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

1 ތަށި ތާފަނާ ފެން (150ml)

1 މޭޒުމަތީސަމުސާ މާމުއި

ތައްޔާރުކޮށް ބޭނުންކުރާނެގޮތް:

1 ތަށި ތާފަނާ ފެނުގެ ތެރެއަށް 1 މޭޒުމަތީސަމުސާ މާމުއި އަޅާ ގިރާލާށެވެ. ދެން ރޭގަނޑު ނިދުމުގެ ކުރިން ބޮއިލާށެވެ. އަދި ހަމަ މިގޮތަށް ހެނދުނު ހޭލައިގެން ހައިބަނޑާހުރެ މާމުއިފެންތަށްޓެއް ބޮއިލާށެވެ. މިގޮތަށް ދުވާލަކު ދެފަހަރު ބޯނަމަ، ބޮޑުކަމުދާން ފަސޭހަވެއެވެ.

  1. ފްލެކްސީޑް:

ފްލެކްސީޑް އަކީ ވިޓަމިން، ކެލްޝިއަމް، ދަގަނޑު، މެގްނީޒިއަމް އަދި އޮމެގާ-3 ފެޓީއެސިޑް ގެ އިތުރުން ވަރަށް ގިނަ އަދަދަކަށް ފައިބަރ ހިމެނޭ އޮށެކެވެ. އެހެންކަމުން މިއޮށަކީ ބަނޑުހަރުވުން ،ވައިގެ ސަބަބުން ބަނޑުގައި ރިހޭރިހުން އަދި ބަނޑުފުއްޕުން ފަދަ ކަންކަމަށް ކުރާ ފަރުވާ އެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އަދި މީގެ އިތުރުން މި އޮށުގައި ހިމެނޭ ތެލާއި އެކުވުމުން ގޮހޮރުގެ ފަށަލައިގައި ހަރުވެފައިހުންނަ ނަޖިސް ނުވަތަ ބޮޑުކަމުދާ އެއްޗިހި ފަސޭހަކަމާއެކު ބޭރުކޮށްދެއެވެ.

ނޯޓް: ފްލެކްސީޑް ބޭނުންކުރަންވާނީ މުގުރައިގެނެވެ. އެއީ މި އޮށަކީ ކުޑަ އޮށަކަށްވުމުން، ހަޖަމްނުވެ  ގޮހޮރުން ބޭރުވުމުގެ ފުރުސަތު އޮންނާނެތީވެއެވެ.

ބޭނުންވާ ތަކެތި:

1 ތަށިފެން (150ml)

1 މޭޒުމަތީސަމުސާ މުގުރި ފްލެކްސީޑް

ތައްޔާރުކޮށް ބޭނުންކުރާނެ ގޮތް:

1 ތަށި ފެނުގެ ތެރެއަށް 1 މޭޒުމަތީސަމުސާ މުގުރި ފްލެކްސީޑް އަޅާލުމަށް ފަހު ނުގިރާ 2-3 ގަޑިއިރު ވަންދެން ބަހައްޓާލުމަށް ފަހު މި ބުއިން ބޭނުންކުރާށެވެ.

މި ބުއިމަކީ ވަގުތުން އޭގެ އަސަރުފެނަންނާނެ ބުއިމެއް ނޫނެވެ. މި ބުއިމުގެ އަސަރު ފެންނަން އާއްމުކޮށް 5 ގަޑި އިރު ނަގާނެއެވެ. އެހެންވެ މި ބުއިން ބޭނުންކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިންނެވެ.

  1. ތީނި/ވަށްތީނި:

ތީނި/ވަށްތީނި ނުވަތަ ފިގްއަކީ އޭގައި ގިނަ އަދަދަކަށް ފައިބަރ ހިމެނޭ ފައިދާ ހުރި މޭވާއެކެވެ. މިއީ ރޯކޮށާއި ހިކިކޮށް ބޭނުންކުރެވޭ ވެސް މޭވާ އެކެވެ.ތީނި/ވަށްތީނި އަކީ ކޮރޮނިކް ކޮންސްޓިޕޭޝަން (ވަރަށް ބޮޑަށް ބަނޑުހަރުވުން) އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޤުދުރަތީ ލެކްސެޓިވް (ބޮޑުކަމުދިއުމަށް އެހީވެދޭ މާއްދާ) އެކެވެ. ތީނި/ވަށްތީނިއަކީ އޭގައި ދެވައްތަރެއްގެ ފައިބަރ ހިމެނޭ މޭވާ އެކެވެ. އެއީ ސޮލިއުބަލް (ފެނަށްގިރޭ) ފައިބަރ އަދި އިންސޮލިއުބަލް (ފެނަށްނުގިރޭ) ފައިބަރ އެވެ.

އިންސޮލިއުބަލް ފައިބަރ ބޮޑުކަމުދާއެއްޗިއްސާއި އެކުވުމުން،ގޮހޮރުގެ ތެރެއިން ދައުރުކުރަން ފަސޭހަވެއެވެ. ހަމަ އެހެންމެ ސޮލިއުބަލް ފައިބަރ ފެޓީއެސިޑް އާއި އެކުވެ ހަޖަމްކުރާ ނިޒާމުގައި ކަނާ ހިފެހެއްޓިފައި ހުންނަ ވަގުތު އިތުރުކޮށްދެއެވެ. ނަތީޖާ އަކަށްވަނީ ކާނާ ރަނގަޅަށް ހަޖަމްވާން ވަގުތު ލިބި ބޮޑުކަމުދާ އެއްޗިހި ހަރުވެ ބޮޑުވުމަށް ހުރަސްއެޅޭގޮތް ވުމެވެ.

ނޯޓް: ރޯ ތީނި ކައިނަމަ އޭގެ ތޮށްޓާއެއްކޮށް ކާލާށެވެ. އެއީ ތީނިގައި ހުންނަ ފައިބަރގެ ބައި ގިނައިން ހުންނަނީ އޭގެ ތޮށީގައެވެ.

ބޭނުންވާތަކެތި:

6-8 ތީނި/ވަށްތީނި

1 ތަށި ފެން

ތައްޔާރުކޮށް ބޭނުންކުރާނެ ގޮތް:

ކުޑަ ބޯތަށްޓަކަށް ތީނިތައް އަޅާލުމަށްފަހު ،ތީނިތައް ފޯވާވަރަށް ފެންފޮދެއް ތަށީގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު ފެނުގެ ތެރޭގައި ތީނިތައް ރަނގަޅަށް ފޯކުރުމަށްޓަކައި ރޭވެއަލިވަންދެން ބަހަށްޓާލާށެވެ. ހެނދުނުވުމުން، ތަށީގައި ބާކީ ފެންފޮދެއް ހުރިނަމަ އުކާލާށެވެ. ދެން ހައިބަނޑާ ހުރެގެން 4 ނުވަތަ 6 ތީނި ކާލާށެވެ.

މިގޮތަށް ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކުވެސް ތީނި ކައިނަމަ، ބޮޑުކަމުދިއުން ހަމައަކަށް އެޅި ރަނގަޅުވެއެވެ.

ބަނޑުހަރުވުން ފަދަ ކަންކަމަކީ ގިނަފަހަރަށް އަހަރެމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ދިމާވާ ކަންކަމަށް ވާއިރު،ސިއްހަތައް ފައިދާ ހުރި އާދަތައް އަށަގެއްނެވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. އެގޮތުން ބަނޑުހަރުވުމުން ރައްކާތެރިވުމަށްޓަކައި ދުވާލަކު މަދުވެގެން 8 ތަށި ފެންބުއިން ނުވަތަ ހޫނުގަދަ ދުވަސްވަރެއްނަމަ މިއަށްވުރެވެސް ގިނައިން ފެންބޯންވާނެއެވެ. އަދި ތައްޔާރީ ކާނާއިން ދުރުހެލި ވުމާއި އެކު ،ދުވާލަކު މަދުވެގެން 30 މިނިޓް ކަސްރަތުކޮށްލުމަކީ މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

Advertisements