ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި، އެ ޤައުމުތަކުގެ ނާޒުކުކަން ހަނދާންކޮށްދޭ މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. ވަކީން ޚާއްސަކޮށް، ޑޮކްޓަރ އަރްވިންދް މާތުރުގެ މަންދޫބުކަމުގެ ދައުރުގައި އެ ޖަމުޢިއްޔާއިން ރާއްޖެއާމެދު ބަހައްޓަމުންދާ ގާތްކަމާއި، ބަދަހިވަމުންދިޔަ ގުޅުމަށްޓަކައި ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަރައްޤީއާއި ކާމިޔާބީއަށް ތަޢުރީފު ކުރެއްވިއެވެ. އެ ގޮތުން، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ސަރވިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗް.ވީ.ޕީ. ވެކްސިން ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ޞިއްޙީ ޤާބިލުކަން އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް އެ ޖަމުޢިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ އަރްވިންދް މާތުރު ވަނީ، ރާއްޖެއިން ކޯވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮކްޓަރ އަރްވިންދް މާތުރުއަށް ކުރިއަށް އޮތް ދުވަސްތަކުގައި ފާގަތިކަމާއި ކަމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.