ޗައިނާއިން ދިމާވާން ހުރި ސަލާމަތީ ގޮންޖެހުންތަކަށް ނޭޓޮ ތައްޔާރަށް އޮތުމަށް ގޮވާލައިފިއެވެ. "ނޭޓޯ 2030 ރިޕޯޓް"ގައި ބުނެފައި ވަނީ ޗައިނާގެ ނުރައްކަލާ ކުރިމަތި ލުމަށް ޚާއްސަ ޔުނިޓެއް ގާއިމް ކުރުމަށެވެ. ޖޮއިންޓް އިންޓެލިޖެންސް ސެކިއުރިޓީ ޑިވިޜަން ގެ ދަށުން އުފައްވާ މި އައު ޔުނިޓް، ވެގެންދާނީ ރަޝިޔާއާއި ޗައިނާ ގުޅިގެން ސަލާމަތީ ދާއިރާތަކުގައި މަސައްކަތް ކުރުމުން ޔޫރަޕްއާއި އެޓްލާންޓިކް ސަރަހައްދަށް ދިމާވާ ގޮން ޖެހުންތައް މޮނީޓަރ ކުރާ އިދާރާއަކަށެވެ. ނޭޓޯގެ އެތެރޭގެ ދެބަސްވުންތައް ކުޑަކުރުމަށްވެސް ގޮވާލާފައި ވެއެވެ. މެންބަރުންގެ މެދުގެ ދެބަސްވުންތަކުން ބޭރުގެފަރާތްތަކުން ފައިދާނެ ކަމަށްވެސް މި ރިޕޯޓްގައި އިންޒާރުކޮށްފައި ވެއެވެ.
އައު އިދާރާއިން މޮނީޓާ ކުރާ ކަންތައްތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީއާއި ޓެކްނޮލޮޖީ އަދި ސްޓްރެޓީޖިކްއާއި ކޮމާޝަލް ދާއިރާގެ ކަންތައްތައް ބެލުންވެސް ހިމެނެއެވެ.
ނޭޓޯގެ ގައުމުތަކަށް ކުރިން ދިމާވެފައިނުވާ އާދަޔާ ޚިލާފް ނުރައްކާތަކެއްވެސް މިހާރު ދިމާވާން އޮތްކަމަށްވެސް ރިޕޯޓްގައި އިޝާރާތް ކޮށްފައި ވެއެވެ. އަދި މި ފަދަ ނުރައްކާތަކަކީ ނޭޓޯއަށް ގުޅިގެން ކުރިމަތި ލެވިދާނެ ނުރައްކާތަކެއްކަމަށްވެސް ބުނެފައި ވެއެވެ.
މެންބަރު ގައުމުތަކަށް މި ރިޕޯޓް ނޭޓޯ 2030ގައި ގޮވާލާފައި ވަނީ ޗައިނާއިން ކުރިމަތިވާން ހުރި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތި ލުމަށް ސިޔާސީ މަސައްކަތަށް ސަމާލުކަން ދިނުމަށެވެ. އަދި ޗައިނާއާ ކުރިމަތިލުމަށް ޕޮލިޓިކަލް ސްޓްރެޓެޖީއެއް އެކުލަވާލުމަށްވެސް ގޮވާލާފައި ވެއެވެ.
ނޭޓޯއިން ބުނާ ގޮތުގައި 2010ން ފެށިގެން ނޭޓޯގެ ސްޓްރެޓެޖިކް ހާލަތު ވަނީ ބަދަލުވެގެން ގޮސްފައެވެ. ރަޝިޔާއާ ނޭޓޯއިން ޕާޓްނާޝިޕް ހެދިއިރު، ޓެރަރިޒަމަށް އިޝާރާތް ކޮށްފައިވަނީ ޖުމުލަ ގޮތަކަށެވެ. އަދި ޗައިނާއާ ބެހޭ ގޮތުން ވިސްނާފައެއް ނުވެއެވެ.
ނޭޓޯ އިން ދެކޭ ގޮތުގައި ޗައިނާއިން ދުނިޔޭގެ ފެންވަރުގައި އަސްކަރީ ބާރު ދައްކަން މުސްތަގްބަލުގައި މަސައްކަތް ކުރާނެއެވެ. އަދި ސަޕްލައި ޗެއިންއާއި އިންފަރާސްޓްރަކްޗަރވެސް ޗައިނާގެ ނުފޫޒުން ސަލާމަތް ކުރަން ޖެހެއެވެ. އެހެންވެ ކުރިއަށް އޮތް ދިހަ އަހަރަށް ނޭޓޯ ތައްޔާރުވެ އޮންނަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.