ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 54 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ "ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނެއެވެ."

އެޕާޓީން ބުނެފައިވަނީ ޖުމްހޫރީ ދުވަހުގެ މި މުނާސަބު ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ ދެފުށް ފެންނަ އަދި ޒިންމާދާރު މުއައްސަސާތަކެއް ޤާއިމު ކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ހައްގުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށާއި، ދިވެހި ރައްޔިތުންނަށް އެޕާޓީން ވަނީ ތަހުނިޔާ ކިޔައިފައެވެ.