މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކްލަބުގެ ވެރިންނަށާއި ކޯޗް އެރިކް ޓެންހާގަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުކުރި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން މިރޭ ނިމުމަކަށް ގެނެސްފައިވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުން މިރޭ އިއުލާން ކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ހިންގަމުން އަންނަ އެމެރިކާގެ ގްލޭޒަރސް އާއިލާއަކީ ހަމައެކަނި ވިޔަފާރީގެ ބޭނުމުގައި ކްލަބު ހިންގަމުން ކްލަބެއް ކަމަށާއި ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި ޔުނައިޓެޑް ބޭއްވުމުގެ އެއްވެސް ޕްލޭނެއް ނެތް ގްލޭޒަރސްއިން ނުގެން ގުޅޭ ކަމަށް ރޮނާލްޑޯ އިންޓަވިއު ދިނީ މަޝްހޫރު ޕްރެޒެންޓަރ ޕިއާސް މޯގަން ހުށަހަޅައިދޭ "އަންސެންސަރޑް ޝޯވް" އަށެވެ. ޕިއާސް މޯގަން، ރޮނާލްޑޯގެ މިއިންޓަވިއުރ އާންމު ކުރީ ދެބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ރޮނާލްޑޯގެ ފާޑު ކިޔުން ބޮޑަށް އަމާޒު ކުރީ މިސީޒަނުގައި ޔުނައިޓެޑާ ހަވާލުވި ޓެން ހާގަށާއި މިދިޔަ ސީޒަނުގައި އެކްލަބަށް އިރުޝާދި ދިން ސްޕޯޓިންގ ޑިރެކްޓަރ ރަލްފް ރަގްނިކަށެވެ.

ޓެންހާގަށާއި ރަގްނިކަށް އިހްތިރާމް ނުކުރާ ކަމަށް މިއިންޓަވިއުތަކުގައި ރޮނާލްޑޯ ބުނެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑުގެ އިންފްރާސްޓްރަކްޗާއަށް މިދިޔަ ބާރަ އަހަރު ތެރޭގައި އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ އެގްރިމެންޓް ބާތިލްކޮށް ޔުނައިޓެޑުން ބުނީ "އެގްރީމެންޓް އުވާލީ ދެފަރާތުން އެއްބަސްވެގެން" ކަމަށެވެ. އަދި ދެފަހަރެއްގެ މަތިން ޔުނައިޓެޑާ ގުޅުނު ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.

ޔުނައިޓެޑާއެކު ހަދާފައިވާ އެގްރިމެންޓް އުވާލުމާ ގުޅޭ ގޮތުން ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނީ ޔުނައިޓެޑަށް އަދި ޔުނައިޓެޑުގެ ސަޕޯޓަރުނަށް އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް އޮންނާނެ ކަމަށެވެ.

"މިއީ އެހެން ޗެލެންޖެއް ނަގައިގެން މަސައްކަތް ކުރަންވީ ވަގުތު" ވަރލްޑް ކަޕުގައި ވާދަކުރުމަށް މިވަގުތު ގަތަރުގައި ހުރި ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.