ރާއްޖޭގައި އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ މިދިޔައަހަރު ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ވީޑިއޯ މެދުވެރި ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ރައީސް ވިދާޅުވީ މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމޭ. ނުވަތަ އެ ނޫސްވެރިއަކު ޝައުޤުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗަރއެއް ލިޔެލުމޭ،" ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާވެފައި ނޫސްވެރިންގެ ޒިންމާ މާބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ އަޑިގަނޑަށްފަހު މިހާރު ކުރިމަތިލާން ޖެހިފައިވާ ކަމަކީ އަނެއްކަމަކީ، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތާ ކަމަށެވެ. އެއީ ޚާއްސަ އިސްކަމެއް ގައުމީ ފެންވަރުގައި ދޭންޖެހިފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު އުންމީދުކުރަނީ، މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެވެސް، ފުޅާ ދައުރެއް މިކަމުގައި އަދާކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.