ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެކުދީން އެތަނަށް ޒިޔަރަތްކުރީ އިއްޔެއެވެ. މި ޒިޔާރަތުގައި، އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީ، އަލިފާނުގެ ހާދިސާއިން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދަރިވަރުންނަށް ވަނީ ދައްކައިފައެވެ.

މި ޒިޔާރަތުގައި 230 ދަރިވަރުންނާއި 57 ޓީޗަރުން ބައިވެރިވި އެވެ.