ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އާޖެންޓީނާއިން ގްރޫޕް ސްޓޭޖް ފަހު މެޗުގައި މޮޅަށް ކުޅެ 2-0 އިން ޕޮލެންޑް ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައި ފާޑު ކިޔުންތަކަށް ރައްދުދީފިއެވެ.

އާޖެންޓީނާގެ ދެލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރައިޓަންއަށް ކުޅޭ މާކް އެލިސްޓާ އާއި ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްއެވެ. މިއީ މިދެކުޅުންތެރިން ވަރލްޑް ކަޕުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ކޮންޓެއިނަރު ބޭނުން ކޮށްގެން ހަދާފައިވާ "974 ސްޓޭޑިއަމް، ރަސް އަބޫ އަބޫދް" ގައި ޕޮލެންޑާ ދެކޮޅަށް އާޖެންޓީނާއިން ވަނީ މުޅި މެޗް ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބޮޑު ތަފާތަކުން ޕޮލެންޑް ބަލިނުވީ ކީޕަރު ވޮޖްސީޖް ސެޒްނީ ހުށިޔާރު ދިފާއު ކުރުންތަކުގެ ސަބަބުންނެވެ. ސެޒްނީ ވަނީ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީވެސް މަތަކޮށްފައެވެ.

މުޅި މެޗުގައިވެސް އާޖެންޓީނާ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ޕޮލެންޑަށް ފޮނުވާލެވިފައެއް ނުވެއެވެ. އާޖެންޓީނާއިން ވަނީ 23 ހަމަލާ އުފައްދައި 12 ހަމަލާ ގޯލަށް އަމާޒު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކޮލާނީ ބުނީ ދެވަނަ ބުރުގައި ބައްދަލު ކުރަންޖެހޭ އޮސްޓްރޭލިޔާ މެޗްވެސް ފަސޭހަ ނުވާނެ ކަމަށެވެ. "އެންމެ ބޮޑު ކަންބޮޑުވުމަކީ ޝެޑިއުލް. ދެދުވަސްފަހުން މިޖެހެނީ އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެން. އަރާމް ކޮށްލަން މިލިބެނީ އެންމެ ދެދުވަސް. މިއީ މޮޔަވާވަރުގެ ޝެޑިއުލެއް" ސްކޮލާނީ ބުންޏެވެ.

އާޖެންޓީނާ އާއި އޮސްޓްރޭލިޔާ ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.