ދައުލަތުގެ އިދާރާ ތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ އުސޫލު ބަދަލުކޮށް އާއްމު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލިއްޔާއާބެހޭ ސާކިއުލާގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އޮފީހާއި އިދާރާތަކުން ޕްރޮކިއުމަންޓެއް އެވޯޑްކޮށް އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ އެވެ.

ސާކިއުލާގައި ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި އާއްމުކުރަންޖެހޭކަމަށެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފަނަރަ އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ޚިދުމަތުގެ އަގު ތިރީސް ފަސް ހާސް ދިވެހި ރުފިޔާއަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރުގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅަންޖެހޭގޮތަށްވެސް ވަނީ ނިންމާފައެވެ.

އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މަޢުލޫމާތުތައް އަދާހަމަކުރުމުގެ ގޮތުން ބިޑް ކޮމިޓީތަކުގެ މަޢުލޫމާތު މިމަހުގެ 31 ވަނަ ދުވަހުގެ 1400ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.