ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް މާފުށީ ޖަލުގައި ހިންގާކަމަށް ތުހުމަތު ކުރެވިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަން އިއްޔެ ނިންމާލައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންނާއި ކަރެކްޝަނާއި އެމްއެންޑީއެފް ގުޅިގެންނެވެ. އޮޕަރޭޝަން ފަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

އޮޕަރޭޝަން ނިންމާލިޔަސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި ކަރެކްޝަނުންވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ވިދާޅުވީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ފަހުން ހާމަކުރައްވާނޭ ކަމަށެވެ.

މާފުށީ ޖަލުގައި މި އޮޕަރޭޝަން ކުރިއަށް ހެންދިޔައީ ކަރެކްޝަނުގެ އެދުމުގެ މަތީންނެވެ. މާފުށީ ޖަލަށް މަނާތަކެތި ވެއްދުމަށް ބައެއް އޮފިސަރުން ވެސް އެހީތެރިވާކަން ވަނީ އެނގިފައެވެ. ވަރަށްފަހުން ވެސް އެފަދަ އަމަލެއް ހިންގި އޮފިސަރަކު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.