އަމިއްލަ ދަރީންފަދައިން ގޭގައި ބައެއްކަހަލަ ޖަނަވާރު ގެންގުޅޭ މީހުން ރާއްޖޭގައި ވެސް އެބައުޅެވެ. އެންމެ ގިނައިން ރާއްޖޭގައި ގެންގުޅެނީ ބުޅަލެވެ. ދަރިއަކަށް ކުރާވަރުގެ ބޮޑުޚަރަދެއް އެ ގެންގުޅެން ކުރެއެވެ. އެންމެ ބޮޑު އެއްޗެއް ޚަރަދުކުރަނީ އޭގެ ކާނާއަށެވެ. އެހެންނަމަވެސް އެމީހަކު އޮޅުކޮށްގެން ދަރިއަކުފަދައިން ގެންގުޅޭ ބުޅާ ބަލިވުމުން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ތިބާ ގެންގުޅޭ ބުޅަލަށް ސިއްހީފަރުވާ ބޭނުންވޭތަ؟

ތިބާގެ ގޭގައި ގެންގުޅޭ ޖަނަވާރު އިންތިހާއަށް ބަލިވި ނަމަވެސް ބަލީގެ ފާޅުކަން ބޮޑު އަލާމާތްތަކެއް ނުފެނުން އެކަށީގެންވެއެވެ. އިންސާނުންނެކޭ އެއްފަދައިން ބަލިވި ކަމުގަވިޔަސް އެކަން ފޮރުވުމުގެ ޤާބިލްކަން މިފަދަ ޖަނަވާރުންނަށް ވެސް ލިބިފައިވެއެވެ. ހިތާމައަކީ، އަޅުނގަޑުމެން ބުޅާ ގެންގުޅޭ މީހުން މިތަކެއްޗަށް ދިމާވާ ސިއްހީ މައްސަލަތަކުގެ އަލާމާތްތަކަށް އަހުލުވެރި ނުވުމެވެ. މީގެ ސަބަބުން އެއަށް ބޭނުންވާ ވެޓެރިނަރީ ފަރުވާ ލިބުން ލަސްވެއެވެ.

މިތަކެއްޗަށް ފަރުވާ ދެއްވާ ޑޮކްޓަރުން ބުނެފައިވަނީ އުމުރުން އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ އުމުރުފުރާއަކަށް ފަހު އަހަރަކު އެއްފަހަރު ވެޓެރިނަރީ ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއްކަމުގައެވެ. ފުރަތަމަ މަރުހަލާތަކުގައި ވެޓެރިނަރީ ޑޮކްޓަރަށް ދައްކާ ރަނގަޅު ވެކްސިން ދިނުމަށް ލަފާދެއެވެ. ބޮޑުވަމުން އަންނައިރު ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ ކިޑްނީއާއި ފުރަމޭގެ ސިއްހަތުގެ އިތުރުން ލެއާއި ކުޑަކަމުދާތަކެތީގެ ތަހުލީލުތައް ހެދުމާއި ދަތުގެ ސިއްހަތު އަހަރަކު ދެފަހަރު ބެލުމަށް ލަފާދެއެވެ.

އަނިޔާއަކީ ކުޑަ އަނިޔާއެއް ކަމުގައި ވިޔަސް ނުވަތަ ބޮޑު އަނިޔާއެއް ކަމުގައި ވިޔަސް ފަރުވާ ދިނުމަށާއި އިތުރު ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ވީހާވެސް އަވަހަކަށް ވެޓެރިނަރީ ޑޮކްޓަރަށް ގެންދިޔުން މުހިންމެވެ.

ބަލިވެއްޖެނަމަ ފެނިދާނެ ބައެއް އަލާމާތް ތަކަކީ ކޮބާ؟

ކެއުމާއި ދުރުވުން ނުވަތަ އާދަޔާ ހިލާފަށް ގިނައިން ކެއުން:

އިންސާނުންނެކޭ އެއްފަދައިން މިތަކެތިވެސް ބަލިވެ އުޅޭއިރު ކާނާއަށް ހުންނަ ޝައުގުވެރިކަމަށް ބަދަލު އާދެއެވެ. ބައެއް ހާލަތްތަކުގައި ބަލާބެލުމަށް ރަނގަޅުކަމަށް ހީވިޔަސް ދަތުގެ ރިއްސުންފަދަ މައްސަލަތަކުގެ ސަބަބުން ކެއެމާއި ދުރުހެލިވެދާނެއެވެ.

ހަރަކާތްތައް މަދުވުން:

މީގެ ސަބަބުން ހަކަތަ ދައްވެ ހަރަކާތްތެރިވެ އުޅޭ މިންވަރު ކުޑަވެއެވެ. އޭގެ އިތުރުން އަޑުލައްވާ މިންވަރު އާންމު ގޮތަކަށް ވުރެ މަދުވެއެވެ. މިހާލަތުގައި އެނދާއި އަލަމާރި ފަދަ ތަންތަނަށް ވަދެ ފިލާއޮވެ އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރެއެވެ.

ކަރުހިއްކާ ފެންބޯ މިންވަރު މާބޮޑަށް އިތުރުން:

ހަކުރުބައްޔާއި ކިޑްނީ ނުވަތަ ތައިރޮއިޑް ބަލި ހިމެނޭ ގޮތަށް ބައެއް ބަލިތަކާއި ހާލަތްތަކުގެ ސަބަބުން ގޭގައި ގެންގުޅޭ ޖަނަވާރުގެ ކަރުހިއްކުން އިތުރުވެއެވެ.

އާދަޔާ ހިލާފަށް ފަލަވުން:

މިއީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ހަކުރުބައްޔާއި، ހިތުގެ ބަލީގެ އިތުރުން ލޭމައްޗަށް ދިއުން ފަދަ ހާލަތްތަކުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެކެވެ.

ފަހަތު ފައި ހަރަކާތްކުރުމަށް ކުއްލިއަކަށް ނުކުޅެދުން:

ލޭގައި ޖަރާސީމު އުފެދުން، ސިކުޑީގައި ލޭގަނޑުވުން، މައިބަދަ ދުޅަވުން ނުވަތަ ޕެލްވިސް ފަޅައިގެން ދިއުން ފަދަ ކަންކަމަކީ ފަހަތު ފައަށް ވާގިނެތޭބަލި ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކެކެވެ.

ނޭފަތުން ނުވަތަ ލޮލުން ފެންފައިބާ މިންވަރު އިތުރުވުން:

ކަރުނަ ހޮޅިއެއް ބެދުން ނުވަތަ ނޭވާލާ ނިޒާމުގައި އުފެދޭ ޖަރާސީމުގެ ސަބަބުން ނޭފަތުން ފެންފައިބެ ކެއްސާ ކިނބިހި އެޅުން ފަދަ ކަންކަން މެދުވެރިވެއެވެ.

ނޭވާލާން އުނދަގޫވުން:

ނޭވާލުމުގެ މައްސަލަތަކަށް ގިނަ ފަހަރަށް ކުއްލި ފަރުވާ ބޭނުންވެއެވެ. އާދޔާ ހިލާފަށް އަވަސް އަވަހަށް ނޭވާލާނަމަ ނުވަތަ ނޭވާލާން އުނދަގޫވާނަމަ ވަގުތުން ވެޓެރިނަރީ ޑޮކްޓަރަށް ގެންދިއުން. ނޭވާލާން އުނދަގޫވާ ހާލަތުގައި ފުއްޕާމޭގެ ތެރެއަށް އެކަށީގެންވާ ވައި ވެއްދުމަކީ މުހިންމުކަމެކެވެ.

ހިރުގަނޑު ކުލަ ބަދަލުވުން، ކެއްސުން ނުވަތަ ހޮޑުލުން:

ވެޓިނަރީ ޑޮކްޓަރަށް ޒިޔާރަތް ކުރާއިރު، ރައްކާތެރިކަމާއި އެކު ޑޮކްޓަރާއި ހަމައަށް ދެވޭނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގެ އިތުރުން ހަމަޖެހިލައިގެން އިންނަން އެހީތެރިވެދޭ ފަދަ އެއަށް ކަމުދާ ކުޅޭ އެއްޗެއް އަދި ބްލެންކެޓެއް ގެންދިޔުން މުހިއްމެވެ. މީގެ އިތުރުން އެއްވެސް ބޭހެއް ބޭނުންކުރާނަމަ އެބޭހެއްގެ ތަފްސީލް އާއި މެޑިކަލް ރެކޯޑްސް (ލިޔެކިޔުންތައް) ގެންދިއުން މުހިއްމެވެ.

އިންސާނުންނެކޭ އެއްފަދައިން މިތަކެއްޗަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭ މިންވަރު ދުވަހެއް ދުވަހަށް މިދަނީ އިތުރުވަމުންނެވެ. މިގޮތުން ޖަނަވާރުންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލުތަކުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އުކުޅުތައް ބޭނުންކޮށްގެން މިތަކެއްޗަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ ހޮސްޕިޓަލް ތަކުގައި މަސައްކަތްކުރަނީ ވެޓެރިނަރީ މެޑިސިންގެ ދާއިރާއިން އެންމެ ފަހުގެ އާ އުފެއްދުންތަކާއެކު ކުރިއަރާފައިވާ ހުނަރުތައް ފޯރުކޮށްދިނުމަށް ޚާއްޞަ ޓީމުތަކެވެ.