ކޮރަޕްޝަންގެ އެކި ޢަމަލުތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުވެފައިވާ ޒިންމާއެއް ކަމަށާއި އެޒިންމާ އަދާ ކުރުމުގައި ފަހަތުފަޔަށް ބަރުނުވެ މަސައްކަތް ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އޭސީސީއަށް ގޮވާލައިފައެވެ.

ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެމްއާރުއެމުން ބުނެފައިވަނީ ބާރާއި ނުފޫޒުން ހިންގާ، ނުވަތަ ހިންގުމަށް މުޖުތަމަޢު އާދަވެފައިވާ ނޭދެވޭ ކޮންމެ ޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއްކަން ރައްޔިތުންނަށް ވިސްނައިދީ އެފަދަ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރަން ޖެހެނީ އޭސީސީން ކަމަށެވެ.

"އެމް.އާރް.އެމްގެ އެދުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް، އިޚުލާސްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިއުމެވެ. އެމް.އާރް.އެމް އަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެކެވެ." އެޕާޓީން ބުނެފައިވެއެވެ.

އެ ޕާޓީން ބުނެފައިވަނީ ރާއްޖޭގައި މިހާރުއޮތް ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށެވެ. ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކި ފަހަރުމަތިން ދެއްވާފައިވާކަމަށް ވެސް ބުނެފައިވެއެވެ. އެކަން އެންމެ ފުރިހަމައަށް ކުރުމަށް ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ޙައިސިއްޔަތުން އެމްއާރުއެމުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ.