ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރީންގެދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވަމުން ގެންދަވާ ގދ. ފަރެސްމާތޮޑާގައި މަސްވެރީންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ ވެސް މަސްވެރިކަމުގެ ސިނާއަތުގައި މުހިއްމު ސަރަހައްދެއް ކަމަށެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ގދ. ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާ މަސްވެރީންގެ ދުވަހު، ފިޝަރީޒް މިނިސްޓްރީއާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ގެންދަަވަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އޭގެތެރޭގައި މަސްވެރިންގެ ފޯރަމަކާއި، ސްކޫލުކުދިންނާއި ޒުވާނުންނަށް ޚާއްސަކޮށްގެން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތަކާއި ފިޝަރީޒް އެކްސްޕޯއެއް ހިމެނެއެވެ.