ވިހެއުމަށްފަހު ކުރިން ބަނޑު ހުރިގޮތަށް ހަށިގަނޑު ބަދަލުވުމަކީ ކޮންމެ އަންހެނެއް ދެކޭ ހުވަފެނެކެވެ. ނަމަވެސް މިހުވަފެން ހަޤީގަތަކަށް ހެދެނީ ކިތައް މަންމަ އަށް ހެއްޔެވެ؟ ވިހެއުމަށްފަހުވެސް ގިނަ އަންހެނުންގެ ބަނޑު ހުންނާނީ ހަމަހުގެ މާބަނޑު މީހެއްގެ ބަނޑު ހުންނަ ގޮތަށް ފުއްޕާފައެވެ. އަދި ބަލިވެ އިންނައިރު ބަނޑުގެ ހަންގަނޑުގައި ހުންނަ ލައްތަކަކީވެސް ގިނަ ދުވަސްތަކަކަށް އަންހެން މީހާގެ ބަނޑުގައި ހަރުލާ ހުންނަ ލަކުނުތަކެކެވެ. ބަލިވެއިނުމުން ބަނޑުގެ މެދުން ގިނަ މީހުންގެ އުފެދިފައި ހުންނަ ކަޅު ރޮނގު އަދި ހަންގަޑު ދެމިގެން ހުދުވެފައިވާ ތަންތަންވެސް ދިގުމުއްދަތަކަށް ބައެއް މީހުންގެ ބަނޑުގައި ހަރުލާފައި ހުރެއެވެ. ތިޔައީ ވިހެއުމަށްފަހު ކުރިން ހަށިގަނޑު ހުރި ބައްޓަމަށް ނުގެނެވިގެން ނުވަތަ ބަނޑު ނުހިނދިގެން ހާސްވެގެން އުޅޭ މަންމަ އެއް ދޯއެވެ. ބުނެދެން ހެއްޔެވެ؟

ބަނޑު ބޮޑުވެ 9 މަސް ދުވަސް ނަގާއިރު ވިހެއުމަށްފަހު ބަނޑު ކުރިން ހުރި ގޮތަށް ބަދަލުވާން ވެސް ވަގުތު ނަގާނެކަން ޤަބޫލުކުރާށެވެ. ބައެއް އަންހެނުންނަކީ ފުރަތަމަ ފަހަރަށް ވިހެއުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަނޑު ކުރިން ހުރި ގޮތަށް ބަދަލުވާ އަންހެނުންނެވެ. ނަމަވެސް އެއީ ވަރަށް މަދު ބަޔަކަށް ދިމާވާ ކަމެކެވެ. އާއްމު ގޮތެއްގައި ބަނޑު ކުރިން ހުރި ގޮތަށް ބަދަލު ވުމަށް އެތައް މަހެއް ނަގައެވެ. އަދި ބައެއް ފަހަރު ކުރިން ހުރި ގޮތަށް އެއްގޮތަކަށްވެސް ބަދަލު ނުވާނެ ކަމަށް ޤަބޫލުކޮށް ހިތާމަކުރާ މައިންވެސް އެހާ ގިނައެވެ.

އާންމު ގޮތެއްގައި ވިހެއުމަށްފަހު ރަހިމު ބަލިވެއިނުމުގެ ކުރިން ހުރިގޮތަށް ބަދަލު ވުމަށް ހަތަރު މަސްދުވަސްވަރު ވާނެއެވެ. އަދި މުޅިހަށިގަނޑުގައި ބަލިވެއިނުމުން ފުއްޕައިފައިވާ ހަތާތަކުގައިވާ ފެންތައް ވިހެއުމަށްފަހު މަޑުމަޑުން ބޭރުވަމުން ކުޑަކަމުދާ އެއްޗެއްސާއެކު، ކުރިމަތި ފަރާތުން އަދި ގައިން ބޭރުވާ ދަލުގެ ގޮތުގައި ބޭރުވަމުން ދާނެއެވެ. ވިހެއުމާއެކު މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ގިނަވެފައިވާ ހޯމޯންތައް މަދުވާން ފަށާނެއެވެ. މިހޯމޯންތައް މަދުވަމުންދާ ވަރަކަށް ބަނޑުވެސް ކުޑަވަމުން ހިނދެމުންދާނެއެވެ. އިހްސާސް ކުރެވޭ ވަރުގެ ބަދަލެއް ހަށިގަނޑަށް އަންނަން ފަށާނީ އެމުއްދަތަށް ފަހުގައެވެ.

ބައެއް މީހުންގެ ބަނޑު ހިނދި ކުރިން ހުރި ގޮތަށް ހަށިގަނޑު އެހާ ފަސޭހައިން އެބަދަލުވަނީ ކީއްވެބާއޭ ހިތަށް އަރާ ދޯއެވެ. އިނގޭހެއްޔެވެ؟ މާބަނޑު ދުވަސްވަރު ބަރުވީ މިންވަރާއި މައިމީހާގެ މުރާލި ކަމާއި އަދި ވިރާސީ ސިފަތަކަކީ ވިހެއުމަށްފަހު ހަށިގަނޑަށް ބަދަލު އައުމާ ގުޅިފައިވާ ކަންތައްތަކެވެ. ބަލިވެއިނުމަށްފަހު ބަރުވި މިންވަރު 13 ކިލޯއަށްވުރެ މަދުވެފައި މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކޮށްފައި އަދި ވިހެއުމަށްފަހު ދަރިފުޅަށް ގާތުންދޭނަމަ ކުރިންހުރިގޮތަށް ބަނޑު ބަދަލުވުމަށް އެހީތެރިވެދެއެވެ.

ބަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ގާތުން ދިނުން :

ބަނޑު ކުރިން ހުރިގޮތަށް ބަދަލު ކުރުމަށްޓަކައި ވިހެއުމަށްފަހު ގާތުން ދިނުމަކީ ހަށިގަނޑުގައި އިތުރުވެފައިވާ ހަކަތަ އަންދާ ސަރުބީތައް ވިރުވާކަމެކެވެ. ގާތުން ދިނުމަކީ ބަނޑުގެ މަސްތަކަށް ވާންވެ ކުރިން ހުރިގޮތަށް ބަދަލުވުމަށްވެސް ބާރު އަޅާ ކަމެކެވެ. އެއީ ގާތުން ދިނުމުން ހަށިގަނޑުގައި އުފެދޭ ހޯމޯންތަކުން މުޅި ހަށިގަނޑަށް އަސަރު ކުރެއެވެ. ނަމަވެސް ބައެއް މައިން ގެ ހަށިގަނޑު ގާތުންދެމުންދާއިރު 3-6 ކިލޯ ލުއިވުމަށްފަހު އިތުރަށް ލުއިނުވެއެވެ. މިހެންވަނީ ކިރު އުފެއްދުމަށްޓަކައި މިބައި ބޭނުންވާތީއެވެ. އެފަދަ މަންމަ އިންނަށް ހަށިގަނޑަށް ބޭނުންވާ ލުއި ކަސްރަތު ކުރެވިދާނެއެވެ.

ކަސްރަތު ކުރުން : ކަސްރަތު ކުރުމަކީ ބަނޑުގެ މަސްތަކަށް ވާންވެ އަދި ގިނަވެފައިވާ ސަރުބީތައް ވިރުވާ ކަމެކެވެ. ކަސްރަތުކުރުމަކީ ހަށިގަނޑު ބަދަލުވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ހަތިޔާރެވެ. ޒަމާނީ މަންމައިންނަކީ މިކަންކަމަށް ހޭލުންތެރި މަންމައިންނެވެ.އެހެން ކަމުން ވިހެއުމަށްފަހު ކަސްރަތު ކުރާ މަންމައިންވެސް މިއަދު ވަރަށް ގިނައެވެ. ބައެއް ފަަހަރު އަވަހަށް ހިކެން ނުވަތަ ބަނޑު ހިންދަން ބޭނުންވެގެން ބައެއް މަންމަ އިން ވަރަށް ބުރަކޮށް މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް ސަމާލުކަން ދޭށެވެ. ކަސްރަތު ކުރަންވާނީ ޑޮކްޓަރު އެކަމަށް ހުއްދަ ދިނުމުންނެވެ. ފަށައިގަންނާނީ ލުއި ކަސްރަތުންނެވެ. އޭރުން ވަރިުބަލިވުން ކުޑަވުމާއެކު ޤަވާއިދުން ކަސްރަތު ކުރަން ފަސޭހަ ވާނެއެވެ. ޤަވާއިދުން ކަސްރަތު ނުކުރެވެނީ ބައެއް ފަހަރު ހަށިގަނޑު އެކަމަށް ތައްޔާރު ނުވެ ހުއްޓާ ހަށިގަނޑަށް ބުރަވާ ގޮތަށް ކަސްރަތު ކުރެވޭތީއެވެ.

ކެއިން ބުއިން :

މާބަނޑުވުމުގެ ނުވަމަސް ދުވަހުގެ ދަތުރަށް ފަހު ހަށިގަނޑު އަލުން ހުރި ހާލަތަށް ރުޖޫއަވުމަށްޓަކައި އެންމެ މުހިންމު އަދި ބޭނުންތެރި ކަމަކީ ދުޅަހެޔޮ ކާނާ ހަށިގަނޑަށް ލިއްބައިދިނުމެވެ. ބައެއް މަންމައިންގެ އުސޫލަކީ ވިހެއުމަށްފަހު ހަށިގަނޑަށް ފައިދާ ހުރި ކާނާ އާއި އެކު ހާއްސަ ޑައިޓް ޕްލޭނެއް ފެށުމެވެ. ނަމަވެސް އެމުއްދަތަކީ ހަށިގަނޑަށް ހަކަތަ ބޭނުންވާ މުއްދަތެކެވެ. ގާތުންދޭ ދުވަސްވަރު ބައިކިލޯއަށްވުރެ ބޮޑަށް ހަފުތާއަކު ލުއި ވުމަކީ ހަށިގަނޑުގައިވާ ސަރުބީން ވިހަ އުފައްދާ ކަމެކެވެ. މިވިހަ މައިމީހާގެ ކިރާއެކު ދަރިފުޅުގެ ހަށިގަނޑަށްވެސް ދާނެއެވެ. ވުމާއެކު ވިހެއުމަށްފަހު ފުރަތަމަ ދެމަހުގެ ތެރޭގައި ހަފުތާއަކު ކިލޯއެއްވަރު ލުއިވަމުންދާނަމަ ކެއުން އިތުރު ކުރަން ޖެހޭނެއެވެ.

އެންމެ ރަނގަޅު ގޮތަކީ ލުއި ކަސްރަތު ކުރުމާއި އެކު ހަކަތަ މަދު ކާނާ ކެއުން މަދުވެގެން ދެމަސްދުވަހަށް ލަސްކޮށްލުމެވެ. އަދި މިމުއްދަތުގައި ގަވައިދުން ކަސްރަތު ކުރުމެވެ. ހަކަތަ މަދު ކާނާ މާއަވަހަށް ކާން ފެށުމަކީ ކިރު އުފެދޭ މިންވަރު މަދުވެ މައިމީހާގެ ގައިގެ ބާރުދެރަވާ ކަމެކެވެ.

އެހެން ކަމަށްވާނަމަ ބަނޑުކުރިން ހުރިގޮތަށް ބަދަލުވާން ހަށިގަނޑަށް ބުރައަކަށް ވެދާނެއެވެ. ރަނގަޅުގޮތަކީ ކެތްތެރިކަމާއިއެކު ހަށިގަނޑު ބަދަލުކުރަން މަސައްކަތް ކުރުމެވެ. ބަލިވެއިނުމަށްފަހު ވިހެއުމާއި ހަމައަށް، ވިހެއުމަށް ފަހު ގާތުން ކިރުދީ ދަރިފުޅު ހެދި ބޮޑުވާ އިރު ދުޅަހެޔޮ ހަށިގަނޑެއްގެ ވެރި އަކަށް ތިބާ ވުމަކީ މުހިންމުކަމެކެވެ.