އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުން ޗައިނާއަށް ދީލާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ތުހުމަތު ކުރައްވައިފިއެވެ. ޕޮމްޕިއޯއަކީ އެމެރިކާގެ ރައީސް ޓްރަމްޕް ޗައިނާއާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ކުރިއަށް ނެރުއްވާ ޗެމްޕިއަންއެވެ.

ޖޯރޖިޔާ އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގައި ވާހަކަ ދައްކަވަމުން ޕޮމްޕިއޯ ވިދާޅުވީ ޗައިނާއާ ދެކޮޅަށް އޭނާ ވިދާޅުވާން ހުރި ވާހަކަތައް ދެއްކުމަށް މެސެޗޫސެޓްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީން ފުރުސަތު ނުދިން ކަމަށެވެ.

ޕޮމްޕިއޯ ވިދާޅުވީ އެމްއައިޓީއާއި ވޮޝިންޓަން ޔުނިވަރސިޓީ ވަނީ ޗައިނާއަށް ދީލާފައެވެ. ޝިންޖިއާންގެ މުސްލިމުންގެ މައްސަލައާއި ޓިބެޓާއި ދެކުނު ޗައިނާ ކަނޑާއި ޓައިވާނާއި ހޮންގކޮންގ ގެ މައްސަލާގައި ޗައިނާއަށް އަބަދުމެ އޭނާ ގެންދަވަނީ، ފާޑުވިދާޅުވަމުންނެވެ.

"އެމެރިކާ މީހުންނަށް އެނގެން ޖެހޭނެ، ޗައިނާއިން އަހަރަމެންގެ މަތީ ތަޢްލީމު ދޭ ތަންތަން އެމީހުންގެ މަގްސަދު ހާސިލުކުރުމަށް ކިލަނބު ކުރާކަން. އެމީހުން ދަނީ އަހަރަމެންގެ މިނިވަންކަމާއި އަހަރަމެންގެ ގައުމީ ސަލާމަތް ނަގާލަމުން" ޕޮމްޕިއޯ ވިދާޅުވިއެވެ. "އެމެރިކާ މީހުން އަމިއްލަ އަށް ހޭލުންތެރި ނުވާނަމަ ދެން އެމީހުން ހޭލުންތެރި ކޮށްދޭނީ ބެއިޖިންގއިން" އޭނާ ވިދާޅުވިއެވެ.

ވާތުފިޔައިގެ ޚިޔާލުތަކަށް ވާގިވެރިވާ އެމެރިކާގެ ޔުނިވަރސިޓީތަކަކީ އެމެރިކާވަންތަކާ ދެކޮޅުވެރި ތަންތަން ކަން ޗައިނާއިން ދަންނަކަމަށާއި ޗައިނާއިން ބޭނުންވާ މެސެޖް އެފަދަ ތަންތާނގައި ދޭން ޗައިނާއަށް ފަސޭހަކަމުގައި ޕޮމްޕިއޯ ވިދާޅުވިއެވެ.

ޖޯރޖިޔާގައި ދެއްވި ސްޕީޗް ޕޮމްޕިއޯ ދެއްވަން ބޭނުންފުޅުވީ އެމްއައިޓީގައެވެ. ނަމަވެސް ޗައިނާއިން ނުރުހިދާނެ ތީ، އެމްއައިޓީގެ ރައީސް ރާފާއެލް ރީފް އޭނާއަށް ފުރުސަތު ނުދެއްވީކަމަށް ޕޮމްޕިއޯ ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ އެމެރިކާގެ ޕްރޮފެޝަނަލުން ޗައިނާއަށް ތަމްރީންތަކަށް ދިއުންވެސް ހުއްޓުވާފައެވެ. އަދި އެމެރިކާއަށް ޗައިނާ ދަރިވަރުން އެތެރެ ވުމަށް ހުރަސްތަކެއްވެސް މެދުވެރިކޮށްފައެވެ.