ޒައީމް ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާ ވަންތަކަމުން މިސްކިތްތަކާއި އަޅުކަމުގެ ޝިއާރުތައް ބައްޓަން ވެގެންދާއިރު، ބިދޭސީންވެސް އަޅުކަމުގެ ޝިއާރުތައް ނެގެހެއްޓުމުގައި ސަމާލުވާން ޖެހޭނެއެވެ. ސީއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފްތާގައި މިނިސްޓްރީ އޮފް ޖަސްޓިސްއިން ޝާއިއުކޮށްފައިވާ އައު ގަވާއިދުގެ ދެލިކޮޕީ ބުނާ ގޮތުން ބިދޭސިން އަޅުކަމުގެ ޝިއާރުތައް އަދާކުރުމުގައި ދީނީ ހައްދުފަހަނައަޅައި ދިއުން ފެތުރުން ހުއްޓުވުމަށް ޗައިނާއިން ސަމާލުކަން ދޭނެއެވެ. ޗައިނާގެ ގައުމީ ނުވަތަ ނަސްލީ އެއްބައެއްވަންތަކަން ނަގާލުމުގައި ދީން ބޭނުން ކުރާނަމަ އެކަމަށްވެސް ޗައިނާއިން ފާރަވެރިވާނެ ކަމަށް މީގައި ބުނެފައި ވެއެވެ.
ޝީ ގެންގުޅުއްވާ ހުރިހައި ކަމެއްވެސް ޗައިނާ ވަންތަ ގޮތަށް ބައްޓަން ކުރުމުގެ ސިޔާސަތާ އެއްގޮތަށް އެކުލަވާލާފައިވާ މި އުސޫލުތައް ވަނީ އާންމު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައެވެ. އާޚިރުގައި ތައްގަނޑު ޖެހިގެންދާނީ ޝީ ބޭނުންވާ ބައްޓަމަށްކަން ޔަގީނެވެ.
ދީންތައް ވެސް ޗައިނާ ވަންތަކަމުން ކުލަޖެއްސުމަށް ތަކުރާރުކޮށް ޝީ ވަނީ ގޮވާލައްވާފައެވެ.
މުންނާރުތަކާއި މިސްކިތްތަކުގެ ގުއްބުތަކުގެ ކުރި ބޯށި ތަޅާލުމާއި މިސްކިތްތަކުގައި ރައީސްގެ ފޮޓޯފުޅު ބެހެއްޓުމާއި ގައުމީ ދިދަ ބެހެއްޓުމަކީ މީގައި ހިމެނޭ ބައެއް ކަންކަމެވެ. ޒިޔާރަތްތައް ތަޅާލައި މަހާނަ ގާތައް ނަގައި ސަހަރާތައް އެއްވަރުކުރުންވެސް ހިމެނެއެވެ.
ދެ މިލިއަނެއްހާ މުސްލިމުން ބަންދުކޮށް ސިކުނޑި ދޮވުމުގެ މަސައްކަތްވެސް ހިންގާފައި ވެއެވެ. ވާނުވާނޭނގި ނިޒާމުން ގެއްލިފައިވާ މުސްލިމުން ހޯދުމަށް އެމީހުންގެ އާއިލާތަކުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުން ދިއުމަކީ އާންމު ކަމެކެވެ.
ޓިބެޓުގެ ބުޑިސްޓުންނާއި ކްރިސްޓިއަނުންވެސް މިފިޔަވަޅުތަކުން އިސްތިސްނާއެއް ނުވެއެވެ.
ރަސްމީ ސިފައެއްގައި ޗައިނާއަކީ ލާދީނީ ގައުމެކެވެ. އިލްމާނީ ގައުމެއް ނޫނެވެ. އެހެންނަމަވެސް ފަސް ދީނަކަށް ނުވަތަ ބަޒްހަބަކަށް ޗައިނާއިން ވަނީ ފުރުސަތު ދީފައެވެ. އެއީ، ޗައިނާ ބުޑިޒަމްއާއި ޓާއޮއިޒަމްއާއި އިސްލާމް އާއި ކެތޮލިކް އަދި ޕޮރެޓެސްޓެން ދީންތަކެވެ.
މި ދީންތައްވެސް ނަގަހައްޓަން ޖެހެނީ ޗައިނާއިން ކަނޑައަޅާ ގޮތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގުނަވަނަކާ ގުޅިފައިވާ އިދާރާއެއްގެ ބެލެނިވެރިކަމުގެ ދަށުންނެވެ. އެ އިދާރާއަކީ ޔުނައިޓެޑް ފްރޮންޓް ވޯރކް ޑިޕާޓްމަންޓެވެ. ޗައިނާއިން ބޭރު ކޮންމެ ގައުމެއްގައި އުޅޭ ޗައިނާ މީހުންގެ ހުރިހައި ހަރަކާތެއް ސީދާކޮށް ބަލަހައްޓާނީ އެގައުމެއްގައި ނުރަސްމީ ސިފައެއްގައި ޔުނައިޓެޑް ފްރޮންޓް ވޯރކް ޑިޕާޓްމަންޓުންނެވެ. މި މީހުން ރިޕޯޓް ކުރާނީ އެމްބަސީގެ ކޮންސިއުލާ ޑިޕާޓްމަންޓަށެވެ.
މިދިޔަ ތަނުގައި ބިދޭސިންގެ އަޅުކަމުގެ ކަންތައްތަކުގައި ފުޅާ މިނިވަންކަމެއް ދީފައި އޮތެވެ. ނަމަވެސް މިހާރު ޗައިނާއިން މަސައްކަތް ކުރަނީ ދީނު ފެތުރުމުގެ މަގްސަދުގައި އެއްވެސް ބިދޭސީއަކަށް ޗައިނާގައި އެއްވެސް ހަރަކާތެއް ހިންގިޔަ ނުދިނުމަށެވެ.