ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި އިއްޔެ، ގއ. ވިލިނގިލީގައި ޙަރަކާތްތަކެއް ހިންގައިފި އެވެ. ވިލިނގިލީގައި މި ކަމާ ގުޅިގެން ބޭއްވި އެންމެ ކުލަގަދަ ޙަރަކާތަކީ، ސަގާފީ މަސައްކަތްތެރިކަން ދައްކުވައިދިނުމަށް ގއ. އަތޮޅު ތަޢުލީމީ މަރްކަޒުގެ ދަރިވަރުން ބޭއްވި ޙަރަކާތެވެ. މި ޙަރަކާތުގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައި ވެއެވެ. މި ޙަރަކާތް ބައްލަވައިލެއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙާއި ގއ. އަތޮޅުގައި ހިނގަމުން ގެންދާ ބައެއް ރިސޯޓްތަކުގެ އިސް ބޭފުޅުން ވަޑައިގަތެވެ.

ގއ. އަތޮޅުތަޢުލީމީ މަރްކަޒުގެ ގޯތިތެރޭގައި ބޭއްވި މި ޙަރަކާތުގައި، މަސްވެރިކަމާއި، ރާވެރިކަމާއި، ކަބުރުވެރިކަން ފަދަ ދިވެހިންގެ ސަގާފީ މަސައްކަތްތައް، ކާބަފައިންގެ ޒަމާނުގައި ކުރަމުން ގެންދިޔަ ގޮތް ދަރިވަރުން ޢަމަލީގޮތުން ދައްކައިދީފައި ވެއެވެ. ރުއް ރުކުގައި ރާވެރިން ރާވެރިކަމުގެ މަސައްކަތް ކުރި ގޮތާއި، މަސްދޯނިފަހަރުގައި މަސްވެރިން އޭރު ޙަރަކާތްތެރި ވެފައިވާ ގޮތާއި، މަސް ބާނައިގެން ގެނައުމުން މަސްކެނޑުމާއި ކެއްކުމާއި ވަޅޯ ކުރުމާއި ހިއްކުން ފަދަ މަސް ޕްރޮސެސް ކުރުމަށްޓަކައި ކުރަމުން ގެންދިޔަ މަސައްކަތްތައް ވެސް އެއް މާޙައުލަކުން ފެންނަ ގޮތަށް ހަމަޖައްސާފައި ވާއިރު، ކަބުރުވެރިކަން ފަދަ ސަގާފީ މަސައްކަތްތަކުގައި ބޭނުން ކުރި ގިރުބާ ފަދަ އާލާތްތަކާއި ތަކެތި އަމަލީ ގޮތުން ބޭނުން ކުރާ ގޮތް ވެސް މި އިވެންޓުގައި ވަނީ ދައްކައިދީފަ އެވެ.

1972 ވަނަ އަހަރު ދިވެހިރާއްޖޭގައި ފެށި ފަތުރުވެރިކަމަށް 50 އަހަރު ފުރުނުއިރު، އެ މަސައްކަތް ވެފައިވަނީ ދިވެހި އިޤްތިޞާދުގެ މައިތަނބު ކަމުގަ އެވެ. އެ މަސައްކަތް ފެށިއިރު އެއީ ރަށްފުށުގެ މީހުންނާ އެކަހެރި މާޙައުލެއްގައި ހިނގަމުންދިޔަ ކަމެއް ނަމަވެސް މިހާރު ފަތުރުވެރިކަން ވަނީ އަމިއްލަ މީހާގެ ގޭގެ ކޮޓަރިއާ ހަމަޔަށް ވެސް ގެނެސްފަ އެވެ.

އެއްވެސް ޙައްދެއް ނެތި ފަތުރުވެރިކަން ދިވެހިންގެ ތެރޭގައި ފުޅާ ކުރަމުން ގެންދިޔުމަކީ، އިޤްތިޞާދީ މަންފާތަކެއް ލިބޭ ކަމެއްކަމުގައި ވީ ނަމަވެސް، އެއީ އިޖްތިމާޢީގޮތުން ވަރަށް ގެއްލުން ބޮޑު، ނުރައްކާތެރި ކަމެއް ކަމުގައި ބައެއް މީހުން ފާހަގަ ކުރެ އެވެ.