މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެވެއާނަސް ކެމްޕެއިން "ރައްކާ" ޕްރޮގްރާމްގެ ދަށުން، ފުލުހުންނަށް 500 ހެލްމެޓް ހަވާލުކޮށްފިއެވެ. މި ހެލްމެޓްތަކަކީ އައްޑޫ ސިޓީ ލިންކު ރޯޑުގައި ރައްކާތެރިނޫން ހެލްމެޓް އަޅާ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލު ކުރުމުގެ ގޮތުން ދިން ހެލްމެޓްތަކެކެވެ.

މި ހެލްމެޓްތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހަވާލުކުރީ ރޯޑް ސޭފްޓީ ޕާޓްނަރ ޝީޝާ ހޮންޑަރ މޯލްޑިވްސްގެ ފަރާތުންނެވެ. އަދި އެފަރާތުން، މި ހެލްމެޓްތައް އައްޑޫ ސިޓީގެ ރައްޔިތުންނަށް ބަހައިދިނުމަށް ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހެލްމެޓްތަކާ ހަވާލުވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. ޝީޝާގެ ފަރާތުން ހެލްމެޓްތައް ހަވާލުކޮށް ދެއްވީ ކުންފުނީގެ ސީއީއޯ އިބްރާހީމް ހުޝާމްއެވެ.

މި ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަޒުހާން އަދި ޝީޝާގެ އޮޕަރޭޝަން އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން ބައިވެރިވެލެއްވިއެވެ.

އެގޮތުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުން ހިންގާ ރައްކާ ޕްރޮގްރާމްގައި ޝީޝާގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ހަަމައެއާއެކު މިރަސްމިއްޔާތުގައި ޝީޝާގެ ސީއީއޯ އިބްރާހީމް ހުޝާމް ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމަކީ އަބަދުވެސް އުފަލެއްކަމުގައި ޝީޝާއިން ދެކޭކަމަށް ފާހަގަ ކުރައްވައިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ރައްކާތެރި ނޫން ހެލްމެޓް ގެންގުޅޭ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލުކޮށްދިނުމުގެ ކުރިން އެއް ގަޑިއިރުގެ އެވެއާނަސް ސެޝަނެއް ކޮންމެ މީހަކުވެސް ފުރިހަކުރަންޖެހެއެވެ. އައްޑޫ ސިޓީގައި މި ސެޝަންތައް ކުރިއަށް ގެންދާނީ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ. މި ސެޝަންތައް އޮންނާނެ ދުވަސްތަކާއި ގަޑިތައް ފަހުން އިއުލާނުކުރެވޭނެއެވެ.