ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން އޮޕަރޭޓުކުރާ ވޭލް ސަބްމެރިންގެ ޚިދުމަތް މެދު ކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ. ސަބްމެރީންގެ ޚިދުމަތް މެދުކަނޑާލީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުމުންނެވެ.

އެތައް ދުވަހެއްގެ މެދުކެނޑުމަކަށްފަހު ސަމްމެރީންގެ ޚިދުމަތް މިހާރު ޚާއްސަ ކޮށްފައި ވަނީ ދިވެހީންނަށެވެ. އެކުންފުނީން ވިދާޅުވީ ދިވެހީންނަށް ޚާއްސަކޮށްގެން ޚިދުމަތް ފަށައިފައިވަނީ ކުރީން ނަގަމުންދިޔަ އަގުގެ ތިންބައިކުޅަ ދެބައި އަގުހެޔޮކޮށް ކަމަށެވެ. އެކުންފުނީން ވިދާޅުވީ ކޮންމެ ޑައިވަކަށް މީހެއްގެ އަތުން މިހާރު ނަގަމުން ގެންދަނީ 250 ރުފިޔާ ކަމަށެވެ.

މިވަގުތު އެ އަގުގައި ޑައިވް ކުރިޔަސް ކުރިއަށް އޮތްތަނުގައި އަގަށް ބަދަލު އައިސް ކުރިން އޮތް އަގާ ހަމަކުރާނެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ވަރަކުން އެމީހުންނަށް ވެސް ޚިދުމަތްދޭން ފަށާނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.